ރާއްޖެއާއި ޗައިނާއާ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި ޞިއްޙީ ދާއިރާ ކުރިއެރުވުން ފަދަ ދާއިރާތައް ހިމެނޭގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ. މިއެއްބަސ...

02 Apr 2023 | 19:07

ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި ޞިއްޙީ ދާއިރާ ކުރިއެރުވުން ފަދަ ދާއިރާތައް ހިމެނޭގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ބައިނަލްއަޤުވާމީ އެޙީ ފޯރުކޮށްދޭ އޭޖެންސީ ކަމަށްވާ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ)ގެ ވައިސް ޗެއާމަން، ހިޒް އެކްސެލަންސީ ޑަންގް ބޯޗިންގް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތަރައްޤީގެ ތަފާތު ދާއިރާތަކުން ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމަށްޓަކައި ސޮއިކުރެވުނު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ އެންޑް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްލޭން (2023-2025)" ހިމެނެއެވެ. މިފަހުމުނާމާގެ ދަށުން ރާއްޖެއާއި ޗައިނާއިން އެއްބާރުލުން އިތުރުކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޞިއްޙީ ދާއިރާއާއި މޫސުމީ ބަދަލުތަކާއި އިންފްރާސްޓްރަކްޗަރ އާއި ދަނޑުވެރިކަމާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއި ކާރިޘާތަކުން ރައްކާތެރިވުމާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އާއި ދިވެހިންގެ ދިރިއުޅުމާއި ދިރިއުޅުމާ ގުޅުންހުރި ކަންކަން ކުރިއެރުވުން ހިމެނެއެވެ. މިފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ، އަލްފާޟިލް އަޙުމަދު ލަތީފް އެވެ.

މިއަދު ސޮއިކުރެވުނު އިތުރު އެއްބަސްވުންތަކުގެ ތެރެއިން "ލެޓަރސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ އޮން ހޮސްޕިޓަލްސް އިން މޯލްޑިވްސް"ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އަލްފާޟިލް އަޙުމަދު އާދިލް އެވެ. މިއެއްބަސްވުމުގެ ދަށުން ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި އަދި ރ. އަލިފުށީގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށިގެންދާނެ އެވެ. މިހޮސްޕިޓަލުތައް އަޅާ ނިމުމުން، އެ ރަށްރަށުގައި ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ޤާއިމުކުރެވި ހަތަރު އަތޮޅުގެ އެތައް ހާސް ރައްޔިތުންނަށް ފަސޭހަކަމާއެކު ޕްރައިމަރީ ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާޘާރު މަރާމާތުކުރުމަށްޓަކައި ސޮއިކުރެވުނު "ލެޓަރސް އޮފް އެކްސްޗޭންޖް އޮން ރެނޮވޭޝަން އޮފް ދަ މޯލްޑިވްސް ނޭޝަނަލް މިއުޒިއަމް"ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، އަލްފާޟިލް މުޙައްމަދު ޠޯރިޤް އެވެ. މިއެއްބަސްވުމުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުން ޤައުމީ ދާރުލްއާޘާރުގެ އިމާރާތް މިހާރު ހުރި ޙާލަތު ދެނެގަތުމަށްޓަކައި ފީސިބިލިޓީ ސްޓަޑީއެއް ހަދާނެ އެވެ. އަދި ކުރިއަށް އޮތް ތާނގައި ދާރުލްއާޘާރު މަރާމާތުކޮށް އާބާތުރަ ފިލުވުމަށް މަގުފަހިވެގެންދާނެ އެވެ.

މީގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަރާމާތާ ގުޅޭގޮތުން ސޮއިކުރެވުނު "ލެޓަރސް އޮފް އެކްސްޗޭންޖް އޮން ދަ މެއިންޓެނަންސް އޮފް ދަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ، އަލްފާޟިލް އަކްރަމް ކަމާލުއްދީން އެވެ. މިއެއްބަސްވުމުގެ ސަބަބުން އެބްރިޖުގެ މަރާމާތާއި ބްރިޖު ބެލެހެއްޓުމުގެ ކަންކަމާ ސަރުކާރުން ޙަވާލުވުމަށް މަގު ހުޅުވިގެންދާނެ އެވެ. އެގޮތުން، މިއެއްބަސްވުމުގެ ދަށުން ބްރިޖާއި ބްރިޖާ ގުޅުންހުރި ޚިދުމަތްތައް ބަލަހައްޓައި މަރާމާތުކުރުމަށް ދިވެހި އިންޖިނޭރުންނާއި ކަމާބެހޭ ތަޖުރިބާކާރުން ތަމްރީނުކުރެވޭނެ އެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު އޮތް ގާތް ގުޅުން ފާހަގަކުރައްވައި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ހޮސްޕިޓަލުތައް ފަދަ އަސާސީ ބިނާތައް އެޅިގެންދިއުމުގެ ސަބަބުން ދިވެހި ޢާއްމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ފައިދާތަކެއް ވާނެކަން ފާހަގަކުރައްވާފައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ވައިސް ޗެއާމަން ހިޒް އެކްސެލަންސީ ޑެންގް ބޯޗިންގް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް