އަންނަ އަހަރުގެ ޖުލައި މަހު އައްޑޫ ޕޯޓުގެ ތަސައްވުރުގައި ކުލަޖެހިގެންދާނެ!

އަންނަ އަހަރުގެ ޖުލައި މަހު އައްޑޫ އިންޓަރނޭޝަނަލް ޕޯޓުގެ އެކްސްޕޭންޝަން މަރުހަލާގެ ފޭސް 1ގެ މަސައްކަތް ނިމި ބޮޑެތި ބޯޓުފަހަރަށް މަގަތު ފާލަމަށް ކައިރިކޮށް މުދާ ބޭލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަ...

03 Apr 2022 | 16:19

އަންނަ އަހަރުގެ ޖުލައި މަހު އައްޑޫ އިންޓަރނޭޝަނަލް ޕޯޓުގެ އެކްސްޕޭންޝަން މަރުހަލާގެ ފޭސް 1ގެ މަސައްކަތް ނިމި ބޮޑެތި ބޯޓުފަހަރަށް މަގަތު ފާލަމަށް ކައިރިކޮށް މުދާ ބޭލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން މިހާރު ކުރަމުން އަންނަނީ އީއައިއޭގެ މަސައްކަތެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހުގައި، ފޭސް 1 ގެ މަސައްކަތް ނިމޭނެކަމަށް އެކުންފުނިން ބުނެ އެވެ.

ފޭސް 1ގެ މަސައްކަތުގެ ތެރޭގައި މަގަތު ފާލަން މިހާރު އޮތްތަނުން ބަދަލުކޮށް ބޮޑުކުރާނެ އެވެ. އަދި، ހިއްކައި، ބްރޭކްވޯޓަރ ގެ މަސައްކަތްވެސް ނިމޭނެ އެވެ. އެމްޕީއެލްއިން ބުނީ އެ ކުންފުނިން މިހާރު ވާނީ، ޕޯޓަށް ބޭނުންވާ އިކުއިޕްމަންޓްސް ގަންނަން ހަވާލުކޮށްފައި ކަމަށެވެ.

މި ތަކެތި ލިބުމުގައި ލަސްކަމެއް އުޅެނީ، ސަޕްލައި ޗެއިންއަށް 8 މަސް ދުވަސް ނަގާތީ ކަމަށާއި މި ލަސްތަކާއި އެކުވެސް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އެތަކެތި ލިބޭނެ ކަމަށެވެ.

މިހާރުވެސް ކުންފުނިން ވަނީ ޕޯޓުގެ މަޝްރޫއާއި ގުޅިގެން މުވައްޒަފުން ޓްރެއިން ކުރުމުގެ މަސައްކަތް ފަށާފައި އެވެ. އެގޮތުން ގިނަ މުވައްޒަފުން މިހާރުވެސް ޓްރެއިންކުރެވިފައިވާއިރު، ޕޯޓު މަސައްކަތް އެމްޓީސީސީން ނިންމައި ހަވާލުކުރުމާއި އެކު ޕޯޓު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ހިތަދޫ ޕޯޓު މިހާރު ހެދިފައި އިން ގޮތުން އެ ޕޯޓުގެ ކީވޯލް އިންނަނީ ގަމު ކަނޑާއި ވިލިނގިލި ކަނޑާ ދިމާ މެދަށެވެ. އެތަނުގެ ބާނި އޮންނަ ގޮތުގެ ސަބަބުން އެތަނާ ކައިރިކޮށްފައި އޮންނަ ބޯޓުތައް ވަރަށް ބޮޑަށް ހަލުވާ ކަމަށާއި ރައްކާތެރިކަމާއެކު މުދާ ބޭލުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެމްޕީއެލްއިން ބުނެ އެވެ. އަދި ގިނަ ޝިޕިންގ ލައިންތަކުން މިކަމުގެ ސަބަބުން ޕޯޓަށް އައުމަށް ފަސްޖެހެ އެވެ.

ހިތަދޫ ޕޯޓުގެ މާސްޓަރ ޕްލޭން ޑިޒައިންކޮށްފައިވަނީ ކަމާއި ގުޅުންހުރި މާހިރުންނާއެކު މަޝްވަރާކޮށް، ޕޯޓުގެ އެތެރެއަށް ވަދެވޭގޮތަށް ރައްކާތެރި ބަނދަރެއްގެ ގޮތުގައި އެވެ. މިއާއި އެކު ކުރިން ދިމާވި ހުރިހާ ކަމަކަށް ހައްލު ލިބި، ރައްޔިތުންނަށް ގިނަ މަންފާތަކެއް ލިބިގެންދާނެ އެވެ.

އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޕޯޓާއި ބެހޭ ގޮތުން ވާހަކަ ދައްކަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައި އެވެ. އެމްޕީއެލް އާއި އެމްޓީސީސިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައްދަލުކޮށް ޕޯޓުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައި އެވެ.

އައްޑޫ ސަރަޙައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500,972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޕީއެލުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 525 ދުވަހުގެ ތެރޭގަ އެވެ. ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި ކުންފުނިން އެމްޓީސީސީއާ ހަވާލުކުރީ 2 އޭޕްރީލް 2021ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް