ރައުދާގެ މަރު: ދިވެހި ބްލޮގަރެއްގެ ތަފާތު ތަހުގީގެއް !

އިންވެސްޓިގޭޓިވް ޖާނަލިޒަމް ނުވަތަ ތަހުގީގީ ނޫސްވެރިކަމަކީ ނޫސްވެރިކަމުގެ އެއް ބީޓެވެ. ދިވެހި ނޫސްވެރިންގެ މެދުގައި މި ބީޓް މަދު ނަމަވެސް، ބަނގްލަދޭޝްގައި މަރުވެފައިވާ ރައުދާގެ މަރުގެ މައްސަލައާއި ގުޅ...

03 Apr 2017 | 12:13

އިންވެސްޓިގޭޓިވް ޖާނަލިޒަމް ނުވަތަ ތަހުގީގީ ނޫސްވެރިކަމަކީ ނޫސްވެރިކަމުގެ އެއް ބީޓެވެ. ދިވެހި ނޫސްވެރިންގެ މެދުގައި މި ބީޓް މަދު ނަމަވެސް، ބަނގްލަދޭޝްގައި މަރުވެފައިވާ ރައުދާގެ މަރުގެ މައްސަލައާއި ގުޅިގެން ދިވެހި ބްލޮގަރެއް ކަމުގައިވާ މުޖޫ ނައީމް ލިޔެފައިވާ ބްލޮގް ޕޯސްޓަކީ ތަހުގީގީ ނޫސްވެރިކަމަށް ފެތޭ ޕޯސްޓެއް ކަމުގައި ބެލެވެ އެވެ.

އެ ޕޯސްޓްގައި ލިޔެފައިވާ ވާހަކަތައް ދިވެހިންނަށް އެނގުން މުހިންމު ކަމުގައި ބެލެވޭތީ އާއި ރައުދާގެ މަރާއި ގުޅިގެން އިތުރު އެތަކެއް ސުވާލުތަކެއް އުފެދިގެންދާތީ ދުވަހުގެ ކިޔުންތެރީންނާއި މުޖޫ ނައީމްގެ ބްލޮގް ޕޯސްޓްގެ ބައެއް ވާހަކަތައް ހިއްސާ ކޮށްލާނަމެވެ.

ދެތިން ހަތަރު ފަހަރު މަތިން އަޕްޑޭޓް ކޮށްފައިވާ އެ ޕޯސްޓްގައި ފާހަގަކޮށްފައިވަނީ ރައުދާ މަރުވި ފަހުން ރައުދާގެ އިންސްޓަގްރާމް އެކައުންޓުން ފާހަގަވި ބައެއް ކަހަލަ ކަންތައްތަކެވެ.

ރައުދާ ފޮލޯ ކޮށްފައިވާ މީހުންގެ ތެރެއިން ދެމީހަކު އަންފޮލޯ ކޮށްފައިވާކަމެވެ. ރައުދާ މަރުވެފައިވާއިރު ރައުދާގެ އެކައުންޓަށް ލޮގިންވެ ފޮލޯ ކުރާ މީހުންގެ ތެރެއިން ދެމީހަކު އަންފޮލޯ ކުރުން އެއީ ކިހިނެއް ވި ކަމެއްތޯ އެ ބްލޮގް ޕޯސްޓްގައި ސުވާލު އުފައްދާފައި ވެ އެވެ. ރައުދާ މަރުވި ދުވަހު ރައުދާގެ އެކައުންޓުން އޭނާ ފޮލޯ ކުރާ މީހުންގެ އަދަދަކީ 371 ކަމާއި ދެ ދުވަސް ތެރޭގައި ދެމީހަކު އަންފޮލޯ ކޮށްފައިވާކަން ފާހަގަ ކޮށްފައި ވެ އެވެ.

ހަމަ އެކަނި ސުވާލު އުފައްދައި ދޫކޮށްލުމުގެ ބަދަލުގައި އަންފޮލޯ ކޮށްފައިވާ ދެމީހުންނަކީ ކޮބައިކަންވެސް ހާމަކޮށްފައި ވެ އެވެ. އިންޓަނެޓް މެދުވެރިކޮށް ހޯދޭން ހުރި ގޮތަކަށް ހޯދުމަށްފަހު ހެއްކާއި އެކީގަ އެވެ.

އެ ޕޯސްޓްގައިވާގޮތުން ކަޝްމީރު އަންހެނަކާއި ފިރިހެނަކު ބޭނުންކުރާ އިންސްޓަގްރާމް ދެ އެކައުންޓް، ރައުދާ މަރުވި ފަހުން ރައުދާގެ އެކައުންޓުން އަންފޮލޯ ކޮށްފައި ވެ އެވެ. އޭގެ ތެރެއިން އެކަކީ ރައުދާގެ މަރާއި ބެހޭގޮތުން ބަނގްލަދޭޝް މީޑިއާއަށް އިންޓަވިއު ދޭން އިންކާރު ކުރި، ރައުދާގެ ކްލާސް މޭޓެކެވެ. އަނެއް ފިރިހެން މީހާއާއެކު ނަގާފައިވާ ފޮޓޯއެއް އިންކަމާ އެ ފޮޓޯގައި އެމީހާ ޓެގް ކޮށްފައި އިންކަމާ އަދި ޓެގް ކުރެވޭނީ ފޮލޯ ކޮށްފައިވާ މީހުންކަން ފާހަގަކޮށްފައި ވެ އެވެ.

ރައުދާގެ މަރާއި ގުޅިގެން އެ ބްލޮގަރަށް ފާހަގަކުރެވޭ ގިނަ ކަންތައްތަކަށް އަޕްޑޭޓްސްތައް ގެންނަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ރައުދާގެ އެކައުންޓް ވަނީ ޑިއެކްޓިވޭޓް ކޮށްފަ އެވެ.

އާއިލާއިން ހާމަކޮށްފައިވާގޮތުގައި އާއިލާއިން އެފަދަ ކަމެއް ނުކުރެ އެވެ. އަދި ރައުދާގެ ލެޕްޓޮޕާއި ފޯނު ވަނީ ބަނގްލަދޭޝްގެ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެހެންކަމުން ބްލޮގަރު އެ ދައްކާ ވާހަކަތަކާއި ގުޅިގެން އިތުރު ސުވާލުތަކެއް އުފެދެ އެވެ. އަދި ރައުދާގެ އެކައުންޓް ޑިއެކްޓިވޭޓް ކުރުމުން ނުވަތަ ޑިލީޓް ކޮށްލުމަކީ ހެކި ފޮރުވަން ކުރި ކަމެއް ކަމުގައި ބެލުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

ބްލޮގަރުގެ ލިޔުމާއި އަދި މި ލިޔުމާއި މެދުވެސް ހިޔާލު ބަދަލުކޮށްލުމަށް ކިޔުންތެރީންނަށް ދޫކޮށްލާނަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް