ކަނޑާލި އިނާޔަތްތައް އަލުން މަހުލޫފަށް ދޭން ފަށައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް މާފުށީ ޖަލުން ދެމުންދިޔަ އިނާޔަތްތައް އެއް މަސްދުވަހަށް ކަނޑާލުމަށް ފަހު އަލުން އެ އިނާޔަތްތައް ދޭން ފަށައިފި އެވެ. ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަ...

03 Apr 2017 | 09:25

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް މާފުށީ ޖަލުން ދެމުންދިޔަ އިނާޔަތްތައް އެއް މަސްދުވަހަށް ކަނޑާލުމަށް ފަހު އަލުން އެ އިނާޔަތްތައް ދޭން ފަށައިފި އެވެ.

ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ ކަނޑާލި އިނާޔަތްތައް އަލުން ދޭން ފަށާފައިވާ ކަމަށެވެ. އެކަމަކު އަލުން އެ އިނާޔަތްތައް ދޭން ފެށި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އިނާޔަތްތައް ކަނޑާލުމަށް ފަހު ލުގުމާން ވިދާޅުވެފައިވަނީ ޖަލުތަކުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވުމުން އެ ދުވަހުން ފެށިގެން މަސް ދުވަހަށް މަހުލޫފަށް ދެމުންދާ އިނާޔަތްތައް ކަނޑާލާފައިވާ ކަމަށެވެ. އިނާޔަތްތައް ކަނޑާލަން ނިންމީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކަތަކެއް މަހުލޫފު ދެއްކެވި ކަމަށް ބުނެ އެވެ.

އިނާޔަތްތައް ކަނޑާލި މައްސަލަ މަހުލޫފުގެ ފަރާތުން އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައި އެވެ. އިނާޔަތްތަކުގެ ގޮތުގައި ކަނޑާލާފައިވަނީ އާއިލީ ބައްދަލުވުންތަކާއި، އެކަހެރި ބައްދަލުވުންތަކުގެ އިތުރުން އާއިލީ ފޯނު ކޯލުތަކެވެ.

މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް މީޑިއާގައި ވިދާޅުވެފައިވަނީ އިނާޔަތްތައް ކަނޑާލީ މިދިޔަ މަހު އާއިލާއަށް ގުޅި ދުވަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށް ގޮވާލާފައި ވުމުން ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ބޭނުންވާތީ އޭނާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ގޮވާލާފައިވާތީ ކަމަށެވެ.

މަހުލޫފު ގެންދަވަނީ ދެ މައްސަލައެއްގެ ކުށް ސާބިތުވެގެން ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭނާ މިނިވަން ވާނެ ކަމަށް ބެލެވެނީ އަންނަ މެއި މަހުގެ ކުރީ ކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް