ރައީސް ޔާމީން ފެކްޝަންގެ ކައުންސިލް މެމްބަރު މަމްނޫން ރައީސް މައުމޫނަށް ތާއީދު ކުރައްވަން ނިންމަވައިފި

ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް މަމްނޫން، ރައީސް މައުމޫނަށް ތާއީދު ކުރައްވަން ނިންމަވައި، އެކަން ހާމަކުރައްވައިފި އެވެ. މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވަމުން އަންނަ މަމްނޫން މ...

02 Apr 2017 | 20:20

ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް މަމްނޫން، ރައީސް މައުމޫނަށް ތާއީދު ކުރައްވަން ނިންމަވައި، އެކަން ހާމަކުރައްވައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވަމުން އަންނަ މަމްނޫން މިކަން ހާމަކުރައްވާފައިވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ގޮތުގައި ހ ތެމާގައި ހިންގަމުން އަންނަ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަމްނޫން ވިދާޅުވީ ޕާޓީގެ ރައީސް ވަކި ކުރުމަށް ދަރުބާރު ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކުރި ގަރާރަށް ވޯޓު ދެވުނީތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި އަދި ރައްޔިތުންގެ ކިބައިން އެކަމަށް މައާފަށް އެދޭ ކަމަށެވެ.

"ދަރުބާރު ފެކްޝަނުން އަސާސީ ގަވާއިދާ ހިލާފަށް ބާއްވާ ކައުންސިލަށް ޕީޕީއެމްގެ ރައީސް ވަކި ކުރުމުގެ ގަރާރު ހުށަހަޅާފައިވަނީވެސް އަސާސީ ގަވާއިދާ ހިލާފަށް، ކައުންސިލްގައި ތިއްެވި ބައެއް މެމްބަރުން މިކަން ފާހަގަކުރެއްވި، ޕާޓީގެ އަސާސީ ގަވާއިދުގައިވާގޮތުގެ މަތިން ޕާޓީގެ ރައީސް، ރައީސްކަމުން ވަކި ކުރެވޭނީ ޕީޕީއެމްގެ ގައުމީ ސަލްސާއިން، އެ ބައްދަލުވުމުގައއި ގަރާރު ފާސްކުރި ގޮތުން އެނގިގެންދިޔައީ ކަންތައްތައް މިދަނީ ގަވާއިދާ ހިލާފަށް، ހުދުމުހުތާރު ގޮތަކަށް ކަން" މަމްނޫން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ  މިއަދުން ފެށިގެން ދަރުބާރު ފެކްޝަންގެ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރު ނުވާނެ ކަމަށާއި ސިޓީ ކައުންސިލްގައި ތަމްސީލްކުރަމުން އަންނަ މައްޗަންގޯޅި ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރުންވެސް ދަރުބާރު ފެކްޝަނުން ކުރަމުން އަންނަ ކަންކަމާ ގުޅިގެން މިހާރު ނުރުހުން ފާޅުކުރަމުން އަންނަ ކަމަށެވެ.

ކައުންސިލް މެމްބަރު މަމްނޫން ރައީސް މައުމޫނަށް ތާއީދު ކުރަން ނިންމިކަން ހާމަކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ވިލިނގިލި ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ މެމްބަރު ސައުދު ހުސެއިންވެސް މިއަދު ވަނީ ރައީސް މައުމޫނަށް ތާއީދު ކުރައްވަން ނިންމަވައި އެކަން ހާމަކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް