ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕީޖީ ވައިބަރ ގްރޫޕުން އެ ޕާޓީގެ މެމްބަރު، ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ބޭރުކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްޕީ ސައުދު ވިދާޅުވެފައިވަނީ އެ ވައިބަ ގްރޫޕުން އޭނާ ބޭރުކޮށްފައިވަނީ މިރޭ 10:00 ހާއިރު ކަމަށެވެ.
ޕީޕީއެމް ޕީޖީ ގްރޫޕްގެ ވައިބަ ގްރޫޕުން އެމްޕީ ސައުދު ބޭރުކޮށްފައިވާއިރު ރައީސް މައުމޫން ކުރިއަށް ގެންދަވާ އިސްލާހީ މަސައްކަތްތަކަށް އެއްބާރުލުން ދެއްވަން ނިންމަވާފައިވާކަން އެމްޕީ ސައުދު މިރޭ ވަނީ ހާމަކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން އަކީ ޕީޕީއެމްގެ ކޮންގްރެސް އަކުން ޕީޕީއެމްގެ އާންމު މެމްބަރުންގެ މެދުގައި ނެގިފައި އޮތް ވޯޓަކުން އިންތިހާބުކުރުވާފައި ހުންނެވި ރައީސް ކަމަށެވެ. އެހެންކަމުން ރައީސް މައުމޫނާއި ޕީޕީއެމް ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުންމަތީ ދެމިހުންނާނެ ކަމުގައި އެމްޕީ ސައުދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް