ނަޝީދަށް އެމްޑީޕީގެ މެންބަރުކަން ގެއްލޭ އިސްލާހު ގާނޫނާއި ހިލާފުކަމަށް ބަންޑާރަ ނާއިބް ވިދާޅުވި: އަލީ ވަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް، ބަންޑާރަ ނައިބު މުހައްމަދު އަނިލް، ރައްޔިތުންގެ މަޖިލިހަ...

03 Apr 2015 | 05:05

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް، ބަންޑާރަ ނައިބު މުހައްމަދު އަނިލް، ރައްޔިތުންގެ މަޖިލިހަށް އަންގަވާފައިވާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އާއި އަދާލަތުން ގުޅިގެން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އަނިލްގެ އެ ސިޓީ ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ފޮނުއްވީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު މަޖިލިހުން ފާސްކުރުމުގެ ކުރިން ކަމަށެވެ.

އިސްލާހު ފާސްކުރީ މާޗު 30 ގަ އެވެ. އަލީ ވަހީދު ވިދާޅުވީ އެ އިސްލާހު ގާނޫނު އަސާސީގެ 30 ވަނަ މާއްދާއާ ހިލާފު ކަމަށް އަނިލް އެންގެވި ސިޓީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވަނީ މާޗު 18 ގައި ކަމަށާއި ކޮމިޓީ އަށް ރައްދުވެފައިވަނީ މާޗު 19 ގައި ކަމަށެވެ. ނަމަވެސް ކޮމިޓީގެ މުގައްރިރު ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ ފިޔަވައި އެ ކޮމިޓީގެ އެހެން މެމްބަރަކަށް އެ ސިޓީ ފެނިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އަލީ ވަހީދު ވަނީ އަނިލް މަޖިލީހަށް ފޮނުއްވިކަމަށް ބުނާ އެ ސިޓީ ޖަލްސާގައި އިއްވާފަ އެވެ. އަނިލްގެ ސިޓީގައި ވަނީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގެ މާއްދާ އިބާރާތް ކޮށްފައިވާ ގޮތުން، ގާނޫނުއަސާސީގެ 30 ވަަނަ މާއްދާއިން ލިބިދޭ ހައްގުތަކާއި މިނިވަންކަން، ޑިމޮކްރެޓިކް މުޖުތަމައެއްގައި ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ވުރެ ބޮޑަށް ހަނިކޮށްފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެހެންވެ އެ އިސްލާހު އުނިކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި ބިލްގައި ވާ ގޮތުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގައި ބައިވެރިވުމާއި އެފަދަ ތަންތަނުގެ އިސް މަގާމުތައް ފުރުން މަނާކުރެ އެވެ. އެ ބިލް ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެމްޑީޕީގެ އެއްވެސް މެމްބަރަކު އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

އަލީ ވަހީދު ވިދާޅުވީ ނަޝީދު ޖަލުން މިނިވަން ވަންދެން އެމްޑީޕީގެ މެމްބަރުން ސާބިތުވެ ތިބޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޑީޕީން ކުރާ މަސައްކަތް ނުވެސް ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔަބޭފުޅުން ހިތްވަރު އެލެން ޖެހޭނީ. ސަރުކާރުން ހިތްވަރު އެލެން ޖެހޭނީ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ލަޝްކަރު ހިތްވަރެއް ނޭލޭނެ. 13 ކީއްކުރަން، 30 ކީއްކުރަން، 100 އަހަރު ވިޔަސް މުޒާހަރާ ވެސް ނުއްޓޭނެ. ޖަލްސާ ވެސް ނުހުއްޓޭނެ. ﷲ އިރާދަކުރެއްވިއްޔާ ކާނަލް ނާޒިމާއި ރައީސް ނަޝީދު މިނިވަން ކުރާނަން." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ނަޝީދަށް މެމްބަރުކަން ގެއްލޭ އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާ ނަމަ، ދެން އަނިލް އަަށް ޖެހިވަޑައިގަންނަވާނީ "ދެ އަނގައިން ވާހަކަ ދައްކަން" ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުގައި "ދެތިން ހަތަރު މީހެއްގެ" ބަސް ނޫނީ ނާހާ ކަމަށާއި ކިޔަވައި ވިދާޅުވެގެން ތިއްބެވި މިނިސްޓަރުންގެ ބަހެއް ވެސް ނާހާ ކަމަށެވެ. އަދި އޭޖީ އާއި ޕީޖީ އޮފީހުގެ ވަކީލުންގެ ބަހެއް ވެސް ސަރުކާރުން އަޑުނާހާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް