ރައްޔިތުންގެ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވަކިކޮށްފިއެވެ.
ވަކިކޮށްފައިވަނީ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއިންނެވެ.
މިއަދު މަޖިލިސް ފަށްޓަވަމުން ރިޔާސަތުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެ ދެ ކޮމިޓީއަށް ބަދަލު ގެންނަން ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމަންޓަރީ ގްރޫޕުން ނިންމާފައިވާކަމަށެވެ.
މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި ހަމަޖެއްސީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އައިފާން އެވެ. 241 ކޮމިޓީއަށް ހަމަޖެއްސީ ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ.
އެއަށްފަހު، ޕެޓިޝަން ކޮމިޓީއަށާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް އަޒާން އައްޔަންކުރިއެވެ.
މި ބަދަލުތައް ގެނެސްފައިމިވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާޙަކުން ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކޮށްފައިވާއިރު އެ އިޟްލާޙަށް ނެގި ވޯޓުތަކުން އަޒާން ތަނާޒުލުވެފައިވާ ދަނޑިވަޅެއްގައެވެ. މުހިންމު ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފައިވާއިރު ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕްގެ އޮފިޝަލް ވަޓްސްއެޕް ގްރޫޕުންވެސް އަޒާން ވަނީ ބޭރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް