މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން [ގަތަރު ޗެރިޓީ" އާއި ގުޅިގެން ކުރުމަށްފަހު ރޯދަމަހުގެ ކުރިން 27 ފެބުރުއަރީ ވަނަ ދުވަހު ހުޅުވައިފިއެވެ.
މިސްކިތް އަލުން ހުޅުވުމަށްޓަކައި 27 ފެބުރުއަރީގައި މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގައި ރަސްމިއްޔާތެއް ވަނީ ބޭއްވިފައެވެ. މި ރަސްމިއްޔާތުގައި ޤަތަރު ޗެރިޓީ ގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެޗް.ޑީ.ސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސްގ އިސް އޮފިޝަލުންވެސް ބައިވެރިވިއެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މިސްކިތުގެ ގޯތިތެރެއަކީ ގަސްތަކުން ރީތިކޮށްފައިވާ، މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ. ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ އެ ކުންފުނިން ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރަށް، ޚިދުމަތްކުރާ މުޖުތަމަޢުތަކަށް ފައިދާ ވާފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށާއި މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫޢަކީ، އިޖްތިމާޢީ ޙައްޤުގައި ޒަމާނުއްސުރެ އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"މި މަރާމާތުތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެނަށްވެސް ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުން، އަދި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ގަތަރު ޗެރިޓީގެ ދީލަތިކަމާއި އެއްބާރުލުން ފާހަގަކޮށް،ގަތަރު ޗެރިޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޮރ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ އަލްފާޟިލް ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގައި އެ ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައިނަމަވެސް މުޖުތަމަޢުތަކަށް ރަނގަޅު ފުރުޞަތުތައް ފަހިކޮށްދިނުމެވެ. މި ޕްރޮޖެކްޓާއެކު، ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށްވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި އޭނާ ވިދާޅުވިއެވެ.
"އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަން، އުރީދޫ ފަދަ ޕާޓްނަރުންނާ އެކު، މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީއިން މިތިބީ ތައްޔާރަށް" އޭނާ ވިދާޅުވިއެވެ.
ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަން އުރީދޫއިން އަބަދުވެސް ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް