ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަތްދިހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... "ދެން އަވަހަށް ގެއަށްދޭ...! ގެއަށްގޮސް މަބުނި ގޮތަށް ކަންތައް ކޮށްފަ ގެއަށް ވަންނާތި...! އެއްވެސް ކަމަކާ ބިރުން ނޫޅޭތި...! ބިރުން އުޅެގެން މިކަހަލަ ކަންކަމެއް ނުވާނެ..." ސައިކ...

03 Mar 2024 | 04:19

ކުރީގެ އަދަދާއި ގުޅޭ....

"ދެން އަވަހަށް ގެއަށްދޭ...! ގެއަށްގޮސް މަބުނި ގޮތަށް ކަންތައް ކޮށްފަ ގެއަށް ވަންނާތި...! އެއްވެސް ކަމަކާ ބިރުން ނޫޅޭތި...! ބިރުން އުޅެގެން މިކަހަލަ ކަންކަމެއް ނުވާނެ..." ސައިކަލް ދުއްވާ ލަމުން އަހަންމާ ބޭ ބުނެލިއެވެ.

އަހަންމާބޭ ގެއަށް ދާން ސައިކަލް ދުއްވާލުމާއެކު ޚާލިދުވެސް ގެއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކުއްލިއަކަށް ފަހަތުން ޚާލިދު އަށް އިވިގެން ދިޔައީ ކުރިން އިވުނުކަހަލަ އަޑެކެވެ. އެހެންނަމަވެސް މިފަހަރުގެ އަޑު ކުރިން އިވުނު އަޑަށްވުރެ މަޑެވެ. ޚާލިދު ފަހަތް ނުބަލަން އަޒުމް ކަނޑައަޅައިގެން ހުއްޓާވެސް އިޚްތިޔާރެއްނެތި ފަހަތަށް ބަލާލެވުނެވެ. އެވަގުތު ޚާލިދު ދިޔައީ ސިއްސައިގެންނެވެ. ގަހުގެ މަތީ ގޮފިގަނޑެއްގެ މަތިން ފެނިގެން ދިޔައީ ރަތްކުލައި ބޮޑު އަލިގަނޑެކެވެ. ޚާލިދު ގަތްބިރުން ގެއާދިމާއަށް ދުއްވައިގަތެވެ. އެވަގުތު ދެވަނަ ފަހަރަށްވެސް އެއަޑު އިވިގެން ދިޔައެވެ. ޚާލިދު ދުވެފައިގޮސް ގޭތެރެއަށްވަނެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން އަހަންމާބޭ ބުނިގޮތަށް ކަންތައް ކުރުމަށްފަހު އެތެރެއަށް ވަންއިރު ޚާލިދުއަށް ފެނުނީ ސިޓިންރޫމްގައި އިން ނާޝިދެވެ. ނާޝިދު ފެނުމާއެކު ޚާލިދު ސިހިފައި ފަހަތަށް ޖެހެވުނެވެ.

"ބެބެ... ބޭބެ މިގަޑީގަ ކޮންތާކުން..؟. މިހާރު ތިނެއްޖަހަނީ...." ނާޝިދު ފާޑަކަށް ބަލަންއިނދެ ޚާލިދު އާ ސުވާލުކޮށްލިއެވެ.

ޚާލިދު ހުރީ ބުނާއެއްޗެއް ނޭނގި ފާޑަކަށް ހުއްޓިފައެވެ.

"ބޭބޭ...! ނާޝިދުއަށް ބޭބެ ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީތަ...؟ ހީވަނީ ނާޝިދުއަށް ބޭބެ ހިތްހަމަނުޖެހޭ ކޮންމެވެސް ކަމެއް ކުރެވިއްޖެހެން...! މިދެތިން ދުވަހު ބޭބެ ވަރަށް ތަފާތު...! ނޫނީ ބޭބެއަށް ކަމެއްވީތަ...؟ މި ދެތިން ދުވަހު މަސައްކަތަށްދާ ތަނެއްވެސް ނުފެނެ...! ބުނެބަލަ، ކިހިނެތްތަ ވީ...؟ އޭރުންތާ ރަނގަޅު ކޮށްލަންވެސް އެނގޭނީ...!" ނާޝިދު ޚާލިދު އާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

"އުހުން... ނޭނގެ.. ނުވެ... ނުވެ ކަމެއް..." ޚާލިދު ތުރުތުއަޅާ އަޑަކުން ފާޑަކަށް ޖަވާބު ދިނުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.

ޚާލިދު ގޮސް ކޮޓަރިއަށް ވަންއިރު ޙަސީނާ އޮތީ ހޭލައެވެ.

އަހަން...! ހޭލެވުނީތަ؟ ހަސީނާ ފެނުމުން ޚާލިދު އޯގާތެރި ރާގަކަށް ބުނެލިއެވެ.

"ހޭލާކަށް ކޮންއިރު އަހަރެން ނިދީ...؟ މަ ހޭލާއޮތީމަ ވަރަށް ޙައިރާންވެފަދޯ ތިހިރީ....؟ ޚާލިދު ބޭރަށް ނުކުމެގެން ދިޔައިރުވެސް އަހަރެން އޮތީ ހޭލާ. ޚާލިދު ކުރާކަމެއް ބަލަން...! ހިތްހަމަ ނުޖެހިފައި އޮވެ ހަސީނާ ވާހަކަ ދެއްކިއެވެ.

"އޭރު ހޭލާތަ އޮތީ...؟ އަހަރެން ބަލާވެސް ލިން..." ޚާލިދު ޓީޝާޓު ބާލަމުން ވާހަކަ ދެއްކިއެވެ.

"އާނ.. އަހަންނަށް އިނގޭ އަހަންނަށް ހޭލެވިދާނެތީ މަޑުމަޑުން އެއްޗެއްހި ލައިގެން ބޭރަށް ދިޔަކަން...! ޚާލިދުއަށް މައްސަލައަކަށްވެގެން އެވާހަކަ ދައްކަން އެނގެނީ ރޭގަނޑު ނާޝިދު ބޭރަށްދާތިދޯ...؟ އެހެޔޮ ޚާލިދު ދަންވަރު ބޭރުގަ ކިތަންމެ ގިނަ އިރެއްވަންދެން އުޅުނަސް...! މިރޭ އަހަރެން ހޭލާއޮތީމަ މިއެނގުނީ....! ތިހެން ކިތައްރޭ ބޭރަށް ގޮސް ތިކުރާ ކަމެއް ކޮށްފަ ހުންނާނެ..." ޙާސިނާ ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.

"ނޫނޭ... މިރޭ އެކަނި އަދި މި ދިޔައީ.. މީ ތިހީކުރާ ކަހަލަ ކަމެއް ނޫނޭ...! ވަރަށް ނުރައްކާތެރި ކަމެއް ދިމާވެގެން އެކަމުން ސަލާމަތް ވޭތޯ މިއުޅެނީ...! ހަސީނާ ހަމައަކަށް އެޅުވޭތޯ ޚާލިދު މަސައްކަތް ކުރިވިއެވެ.

"ފިރިމީހާ ސިއްރުން ކުރާކަންކަން އަނބިމާއަށް އެނގުނީމާ ކޮންމެ ފިރިހެނަކުވެސް އުޅޭނީ ތިހެން...! ކިޔާނީ ތިކަހަލަ އެއްޗިހި...! ނުރައްކާތެރި ކަމެކޭ.....! މިގޭތެރޭގައި ހިނގާ ކޮން ނުރައްކާތެރި ކަމެއް...؟ ހިތްހަމަ ނުޖެހިފައި އަނެއްކާވެސް ޙަސީނާ ވާހަކަ ދެއްކިއެވެ.

"ހަސީނާ މިވަގުތު އިތުރަށް މަށާ ސުވާލު ނުކުރޭ...! މިހާރު މިވާހަކަ ބުނެވެން އޮތީ އެހާ ވަރށް....! މިހުރިހާ ކަމެއްވެސް ވަރަށް އަވަހަށް އިނގޭނެ...! އޭރުން ހަސީނާއަށްވެސް އެނގޭނެ މިކަމުގަ ހުރި ނުރައްކާތެރިކަން..." ޚާލިދު އައިސް އެނދުގައި އޮށޯންނަމުން ވާހަކަ ދެއްކިއެވެ.

"އިތުރަށް މަ އެއްވެސް އެއްޗެއް ބުނާކަށް ނެތިން... އިތުރު އެއްވެސް އެއްޗެއް އަހާކަށްވެސް ނެތިން...! އެނގޭހާވެސް އެއްޗަކީ ދަންވަރު އަނބިމީހާ ކައިރީ ނުބުނެ ސިއްރު ސިއްރުން ނިކުމެގެން ބޭރަށް ދާނީ އޮޅުވާލައިގެން ކޮންމެސް ކަމެއް ކުރަންކަން ނުވަތަ..." ހަސީނާގެ ވާހަކަ މެދުކަނޑާލީ ޚާލިދެވެ.

"ދެން މިވާހަކަ އިތުރަށް ނުދައްކާ ހިނގާ ނިދަން އުޅެން...! މިކަންތައް ވަރަށް އަވަހަށް އިނގޭނެ..." އަނެއް ފަރާތަށް އެނބުރި ލޯ މަރާލަމުން ޚާލިދު ބުނެލިއެވެ.

"ޚާލިދު ނިދަންޏާ ނިދާ...! އަހަރެން ނިދަންވީމަ އެނގޭނީ އަހަންނަށް...." ޙަސީނާވެސް އަނެއް ފަރާތަށް އެނބުރިލަމުން ބުންޏެވެ.

ޖެހިގެން އައިރޭ އެގާރަ ޖެހިއިރު ހަސީނާ އާއި ޚާލިދު ނިދަން އޮށޯވެއްޖެއެވެ. މިރޭ އެކެއް ޖެހުމުގެ ކުރިން އަހަންމާބެ އާ ބައްދަލުކުރުމަށް އަހަންމާބޭ ބުނެފައިވާތީ ޚާލިދު ނިދަން އޮތް ކަމުގައިވިޔަސް އޮތީ ނުނިދަން ޢަޒުމް ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް މިރޭ ޙަސީނާއަށްވަނީ ނިދިފައެވެ. ގަޑިން އެކެއް ޖެހުމާއެކު ޚާލިދު އެނދުން ތެދުވެގެންގޮސް އަލަމާރިން ޓީޝާޓެއް ނަގައިގެން ލައިގެން ބޭރަށް ނުކުތުވެ. ކޮޓަރިން ބޭރަށް ނުކުތުމަށްފަހު ގޭތެރޭގައި އިތުރު މީހަކު އެގަޑީގައި ހޭލާ އުޅޭތޯ ދެކޮޅަށް ހިނގާލުމަށްފަހު މަޑުމަޑުން ބޭރަށް ނުކުތެވެ. ޚާލިދު ބޭރަށް ނުކުތްވަގުތަކީ ނާޝިދުވެސް ފެންފޮދެއް ބޯލަން ބޭރަށް ނިކުތްވަގުތެވެ. ޚާލިދު ބޭރަށް ނުކުތްތަން ނާޝިދު އަށް ފެނުނެވެ. އެހެން ނަމަވެސް ފެންފޮދެއް ބޯލައިގެން ނާޝިދު ކޮޓަރިއަށް ދިޔައީއެވެ. ނާޝިދު ކޮޓަރިއަށް ދިޔައިރު ހުމޭދާ އޮތީ ހޭލައެވެ.

"މިރޭވެސް އަނެއްކާ ބޮލުގައި ރިއްސަން ފެށީތަ....؟" ހުމޭދާގެ ނިތްކުރީގައި އަތް ޖައްސާލަމުން ނާޝިދު ސުވާލުކޮށްލިއެވެ.

"މީރޭ އަދި އެހާބޮޑަކަށް ނުރިއްސަ...! އެކަމަކު ފާޑަކަށް ބޮލަށް ބަރުވެފަ، ބަނޑަށް އުނދަގޫވެފަ ހުންނަނީ.... ނިދާފަ އޮއްވަ ހޭ އަޑުކަހަލަ އަޑެއް އިވިގެން މިހޭލެވުނީ... ހޭލެވިގެން ބަލާލިއިރު ކުޑަމީހާ.... ސަރަކާތް ޖަހަންއޮތީ... މައްޗަށް ބަލަހައްޓައިގެން އޮވެ ހަމަ ހެނީ... ހީވަނީ މަތިން މަޖާއެއްޗެއް ފެނިގެން، ހޭ ހެން....! ބަލާބަލަ މިހާރުވެސް މަޖާވެފަ އޮތްވަރު....! ބޭބީ އާ ދިމާއަށް ބަލަންއޮވެ ހުމޭދާ ބުނެލިއެވެ.

"ވެދާނެއެއްނު ބޭބީއަށް މަތިން މަޖާއެއްޗެއް ފެންނަނީ ކަމަށްވެސް..." ހީނލާފައި ސަމާސާ ރާގަކަށް ނާޝިދު ބުނެލިއެވެ.

"ދެން ތިއީ ކިހިނެތްވާނެ ކަމެއް...! މަތިން އެއްޗެއް ފެންނަނަމަ އަހަރުމެންނަށްވެސް ފެންނާނެތާ...! ނާޝިދު އާ ދިމާއަށް ބަލާލަމުން ހުމޭދާ ބުންޏެވެ.

"އަހަރުމެންނަށް ނުފެންނަ ބައިވަރު އެއްޗިހި އެކަހަލަ ކުޑަކުދީންނަށް ފެންނާނެއޭ... އެކަމާ އަޅާނުލާ... އަހަރުމެންގެ ބޭބީއަކީ އެހެންކުދިންނަށް އަޅާބަލާއިރު އާދައާ ޚިލާފު ކުއްޖެކޭ.... މިހާދުވަސްވީއިރުވެސް ހުމޭއަށް އަކަން ފާހަގައެއް ނުކުރެވޭތަ...؟ ދެން ހިނގާ ނިދޭތޯ ބަލަމާ...! އެނދުގައި ހަމަޖެހިލަމުން ސަމާސާ ރާގަކަށް ނާޝިދު ބުނެލިއެވެ.

"ނާޝިދު ނިދާލާ.... ބޭބީ ހޭލާއޮއްވަ ކިހިނެތް ނިދާނީ...؟ ބޭބީ އެހެން އޮވެގެން ނިދީމަ ހުމޭ ނިދާނަން..." ބޭބީ އާ ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

ޚާލިދު ބޭރަށް ނުކުތުމަށްފަހު އުޑުފެންނަ ހިސާބަށްނުކުމެ ދެއަތް މައްޗަށް ނަގައިގެން ހުރެ އަހަންމާބޭ ބުނި ދުޢާ ކިޔުމަށްފަހު މުޅިގައިގައި އަތް އުނގުޅާލުމަށްފަހު ނިކުތީ ބޭރަށެވެ. ބޭރަށް ނުކުތުމަށްފަހު ސައިކަލަށް އަރައިގެން ދުއްވަން ފެށީ އަހަންމާބޭ މެންގެއާ ދިމާއަށް ދިޔުމަށެވެ. ވިއްސާރަ ވެގެން ފެންހެދިފައިވާ މަގުތަކުގެ ފެންނެތް ތަންކޮޅުކޮޅު ބަލައިގެން ޚާލިދު ސައިކަލް ދުއްވަމުން ދިޔައެވެ. މަގުތައް އަނދިރި ކަމުން ސައިކަލް ދުއްވަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. އަހަންމާބޭ ދިރިއުޅޭ ގެ ހުންނަނީ ރަށުގެ އަނެއްފަރާތުގައި ކަމަށްވެފައި އެގެ ހުންނަ ހިސާބަކީ ވަރަށް ބޮޑަށް ގަސް ހެދިފައިވާ އަނދިރި ހިސާބަކަށްވާތީ ޚާލިދު ސައިކަލް މަޑުކޮށްލަންޖެހުނީ ތަންކޮޅެއް ދުރަށެވެ. ސައިކަލް މަޑުކޮށްލުމަށްފަހު ހިނގާފައި އައިސް އަހަންމާބޭ މެންގެއަށް ވަނެއެވެ. އޭރު ޚާލިދު ލަސްވެގެން އިންތިޒާރުގައި އަހަންމާބޭ އިނެވެ.

"ތި އައީ ދޯ... އަހަންމާބޭވެސް ދަމުނަމާދު ކޮށްލައިގެން އައިސް މިތާޖޯލީގައި އިންނަތާ ކުޑައިރުކޮޅެއް ވެއްޖެ...!" ޚާލިދު ފެނުމުން އަހަންމާބޭ ބުނެލިއެވެ.

"އާނ... މަގުމަތި އެހާ އަނދިރި އަނެއްކާ ފެންގަނޑުވެސް އެހާބޮޑު... އެހެންވެ ކުޑަކޮށް ލަސްވީ...." އަހަންމާބޭ އާ ދިމާއަށް ބަލާލަމުން ޚާލިދު ބުންޏެވެ.

"އަހަރެން ފޮނުވި ދުޢާ ކިޔާފަ އަހަރެން ބުނިގޮތަށް ކަންތައްކޮށްގެންތަ ތިއައީ....؟ މިހާރު ޚާލިދު ބޭރަށް ނުކުންނައިރު އެކަންތައް އެގޮތަށް ކުރަންވާނެ... ޚާއްޞަކޮށް ރޭގަނޑު ބޭރަށް ނުކުންނައިރު...." އަހަންމާބޭ ޖޯލިން ތެދުވަމުން ބުންޏެވެ.

"އާން... އަހަންމާބޭ ބުނި ހުރިހާގޮތަކަށް މިހާރު ކަންކަން އެބަކުރަމޭ... އަހަރެން މިހާރު ބޭނުންވަނީ އަވަހަށް މިކަމުން ސަލާމަތްވޭތޯ ބަލަން...." ޚާލިދު ވެސް ހިނގައިގަންނަމުން ބުނެލިއެވެ.

"އިރާދަކުރެއްވިއްޔާ ތިކަންވާނެ... އަހަންމާބޭ މި މަސައްކަތް ކުރަނީ އަހަންމާބެއަށް އިނގިފަ ހުރި ޢިލްމެއް ބޭނުންކޮށްގެން އެކަމުން ތިހުރިހާ މީހުން ސަލާމަތް ކުރެވޭތޯ... އެކަމަކު މިކަމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ... ޚާލިދުމެންގެ އެފަދަ ހިތްވަރެއް ހުންނަންޖެހޭނެ...." ހިނގައި ގަންނަމުން އަހަންމާބޭ ވާހަކަ ދެއްކިއެވެ.

"މިކަމުން ސަލާމަތް ވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން އަހަރުމެން މިތިބީ ތައްޔާރަށް....! ވަރަށް ހިތްވަރު ކުރާނަން....! ހަމަ ކޮންމެ ރެއަކު ދޭއް ޖަހާއިރު އޭނަ ބޭރަށް ނުކުންނާނެ....! ދެން ގެއަށް އަންނާނީ ފަތިސްވާން ކައިރިވާ ފަހުން... މިހެން ވާހަކައިގައި ތިއްބާ ވަގުތުފާއިތުވެގެންގޮސް މާލަސްވެދާނެ....މިހާރު އޭނަ ނުކުންނަގަޑި އެޖެހެނީ، އަވަހަށް ދަމާ ހިނގާ... މިހިސާބުގައި ގަސްތައް ގިނަވީމަ މިއަނދިރީގައި މިތާ ދުއްވަން ނޭނގިގެން ސައިކަލްވެސް ހުންނާނީ އެދިމާލުން ތަންކޮޅެއް ދުރުގައި... ހިނގާ އެދިމާއަށްދަމާ...." ތަންކޮޅެއް ދުރަށް އިނގިލި ދިއްކޮށްލަމުން ޚާލިދު ބުނެލިއެވެ.

ޚާލިދު އާ އަހަންމާބޭ ގަސްތަކުގެ ތެރެއިން ލާފައި ސައިކަލާ ދިމާއަށް ހިނގަމުންދިޔައިރު ފަހަތުން ކޮންމެސް އަޑެއް އިވެމުންދިޔައެވެ. އަދި އިރުއިރުކޮޅާ އެއަޑު ބާރުވަމުން ދިޔައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، ފަހެއް މާރިޗް 2024، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް