މިދިޔަ ޖެނުއަރީ މަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ތެޔޮ ބޯޓެއްގައި މަސައްކަތްކުރި ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަން މަރާލީ ރުފިޔާގެ ދަހިވެތި ކަމުގައި އޭނާ މޫދަށް ކޮށްޕާ ވައްޓާލައިގެން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ 28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަންގަލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓޮން އަދި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، އޭގެ ފަހުން މޮހައްމަދު ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.
އެގޮތުން މުޙައްމަދު ލިޓޮން މަރާލާފައި ވަނީ މުހައްމަދު ލިޓޮންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
އަދި ނިޡާމް، ލިޓޮން މަރާލާފައި ވަނީ ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
މިގޮތުން ހެދޭކުރި ދޯނީގައި ހުރި މުޙައްމަދު ލިޓޮންގެ 51000 (ފަންސާސް އެއްހާސް ރުފިޔާ) އަށް ވުރެ ގިނަ ފައިސާ، މުޙައްމަދު ނިޡާމް ވަގަށް ނަގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ނިޡާމްގެ މައްޗަށް އަންނަނިވި ދަޢުވާތައް ކުރުމަށް 02 މާރިޗު 2023 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
- ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޤަޞްދުގައި މީހަކުމެރުމުގެ ކުށުގެ ދަޢުވާ. އަސާސީ އަދަބު: 10 އަހަރަށް ޖަލަށްލުން / ޤިޞާޞްއާއި ދިޔަ
- ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދަޢުވާ. އަސާސީ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން.
3. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިނުން މުޢާމަލާތު ކުރުމުގެ ކުށުގެ ދަޢުވާ. އަދަބު: 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް) ރުފިޔާ އިން ފެށިގެން 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން
މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ ނިޒާމުގެ މައްޗައް މަސްތުވާ ތަކެތިން މުޢާމަލާތު ކުރުމުގެ ދަޢުވާ ކޮށްފައި ވާނީ މި މައްސަލައިގެ ތުހުމަތުގައި މުޙައްމަދު ނިޡާމް ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށެވެ.
އަދި ނިޡާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިންކަމަށް ތުހުމަތު ކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް