ހުކުރު ދުވަހަކީ ބަރާތްތެރި މާތް ދުވަހެކެވެ. ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަސް މާތްވެފައި މަތިވެރިއެވެ. އެހެން ކަމުން އެ ދުވަހުގައި ކުރެވޭ ހެޔޮ އަމަލުތައްވެސް ހަމަ އެހާމެ ސަވާބާއި ދަރުމަ އިތުރެވެ.
ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރެއްވުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އެގޮތުން އެދުވަހުގައި އެކަލޭގެފާނުގެ ބައެއް ޢަމަލުފުޅުތަކަށް ބަލާލައިފި ކަމުގައިވާނަމަ އަޅުގަނޑުމެންނަށް މިކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ.
ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަން ހޮދުމަށް ގިނަ ކަންކަން ކުރެއްވިކަން ސާބިތުވެއެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ފާހަކަ ކޮށްލާނީ ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ ކަޙުފި ސޫރަތް ކިޔެވުމެވެ.
ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ)) މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. ((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)) މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”
ވީމާ، ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން (އެބަހީ ޝަރުޢީ ގޮތުން ރޭގަނޑު ފެށުމުން) ގޮސް ހުކުރު ދުވަހުގެ އިރު އޮއްސުމާ ހަމައަށް (ހުކުރު ދުވަހުގެ މަޣްރިބް ނަމާދު ވަގުތު) ކަހަފު ސޫރަތް ކިޔެވޭނެއެވެ. މި ސޫރަތް އެއްފަހަރާވެސް ކިޔެވޭނެއެވެ. އަދި ބައިބަޔަށް ބަހައިގެންވެސް ކިޔެވޭނެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” (ޞަޙީޙުލް ޖާމިޢު 6470).
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް