ރިއަލިޓީ ޓީވީ ތަރި އަދި ބިލިއަނަރު ކިމް ކާޑޭޝިއަން 41އ އޭނާގެ ފިރިމީހާ ރެޕް ލަވަކިޔުންތެރިޔާ ކެންޔޭ ވެސްޓް 44އ ގެ ކިބައިން ރަސްމީކޮށް ވަރިވެއްޖެކަމަށް ލޮސް އެންޖެލެސްގެ ކޯޓުން ކަނޑައަޅައިފިއެވެ.
ވަރީގެ ކަންކަން ރަސްމީކޮށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ވެއްދި ލިޔެކިޔުންތަކުގައި އެކަމަށް ކިމް އެދިފައިވަނީ ދެމީހުން ދުރުވާން ނިންމި ނިންމުމަށް ކެންޔޭ އިހުތިރާމު ނުކުރާތީކަމަށް ކިމް ވަނީ ބުނެފައެވެ.
އެގޮތުން ކެންޔޭ ވަނީ ވަރިއަށް ދެކޮޅު ހަދައި، އަލުން އެކުގައި އުޅެން ބޭނުންވާކަމަށް ފާޅުގައި ހާމަކޮށްފައެވެ.
މީގެ އެތައް މަހެއް ކުރިން ކިމް ހުށަހަޅާފައިވާ ވަރީގެ މައްސަލައިގައި ކޯޓުން ވަނީ އޭނާ އަކީ މިހާރު ކެންޔޭގެ އަންބެއް ނޫންކަމަށް ރަސްމީކޮށް ކަނޑައަޅާފައެވެ.
2014 ވަނަ އަހަރު ކައިވެނިކުރި ކެންޔޭ އަދި ކިމްގެ 8 އަހަރުވީ ގުޅުމަށް 4 ކުދިން ވަނީ ލިބިފައެވެ.
ކިމް މީގެ ކުރިން ބުނެފައިވާ ގޮތުގައި ކައިވެނި ކުރިތާ ހަ އަހަރުވެފައިވާއިރު ކާންޔޭ ދިރިއުޅެމުންދަނީ އެމެރިކާގެ އެހެން ސްޓޭޓެއްގައި ކަމަށެވެ.
ދެމީހުންނާއި އާއިލާއަށް އެއްކޮށް ވަގުތު ހޭދަކޮށްލެވެނީ ކޮންމެ ފަހަރަކު ދަތުރަކަށް ފަހު ކެންޔޭ ކިމް ކައިރިއަށް ގޮސްގެން ކަމަށެވެ. ވޭތުވެދިޔަ ހަ އަހަރު ގިނަވާނީ ކެންޔޭ އާއި ބައްދަލު ނުވާ ދުވަސްތައް ކަމަށެވެ.
ކިމް ބުނީ ކުރިން އެއީ މައްސަލައަކަށް އޭނާއަށް ނުވާ ކަމަށެވެ. އެކަމަކު އުމުރުން 40 އަހަރުވުމުން އެއީ މައްސަލައެއް ކަމަށް އިހުސާސް ކުރެވި ދިރިއުޅެވެމުން މިދަނީ ރަނގަޅަށް ނޫން ކަމަށް ވިސްނުނު ކަމަށެވެ.
މީގެ އިތުރުން ކިމް ބުނީ ބޭނުންވަނީ އޭނާ އާއި އެކު ދިރިއުޅެ، ހިޔާލާއި ފިކުރު އެއްގޮތް މީހެއް ކަމަށެވެ. އަބަދު އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރަން ޖެހޭ އަދި އެހެން ސްޓޭޓެއްގައި ދިރިއުޅޭ ފިރިއަކު ބޭނުން ނޫން ކަމަށެވެ.
ކިމް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރެޕް ލަވަކިޔުންތެރިޔާ ޕީޓް ޑެވިޑްސަން އާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް