ޔުކްރޭނުން އައި ދަރިވަރުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި

ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބް...

03 Mar 2022 | 09:17

ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ޔޫކްރެއިންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން ރާއްޖެ އައިސްފައިވާ ދިވެހި ދަރިވަރުންނާއި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެކަމަށްޓަކައި މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނާއި ވާހަކަދައްކަވާ މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން އެންމެ ބޮޑު އަހަމިއްޔަތުކަންދޭ ކަމަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

މިނިސްޓަރ ވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ވެދެއްވި އެހީތެރިކަމަށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދަރިވަރުން ވެސް ވަނީ މިނިސްޓްރީން އެ ދަރިވަރުންނަށް ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި 51 ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ ވަނީ އައިސްފައެވެ.  ބާކީ ތިބި 21 ދަރިވަރުންގެ ތެރެއިން 15 ދަރިވަރުން  ހޯމަ ދުވަހު ރާއްޖެ ވަނީ އައިސްފައެވެ. އަދި ބާކީ ތިބި 6 ދަރިވަރުންނާއި އާއިލާ މާދަމާ ރާއްޖެ އަންނާނެއެވެ. އެފަރާތްތަކާ ވެސް މިނިސްޓަރ ބައްދަލުކުރައްވަން ވަނީ ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް