ރާއްޖޭގައި ތަރައްޤީކުރާ ޓްރާންސްޝިޕްމަންޓް ބަނދަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ.
މިކަމަށް ޝައުގުވެރިވާ އިންވެސްޓަރުން މަދުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޕޯޓް އޮޕަރޭޓްކުރާ ފަރާތްތަކާއިވެސް މިކަމަށް ޝައުގުވެރިވޭތޯ މަޝްވަރާކުރިކަމަށާއި ނަމަވެސް ވިޔަފާރިތަކުން ބޭނުންވަނީ އިންވެސްޓްކޮށްފައި ވީހާވެސް އަވަހަށް ފައިދާ ލިބުންކަމަށެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، އިންވެސްޓަރަކާއި ނުލާވެސް ސަރުކާރުގެ ވިސްނުން މިހާރު ހުރީ މަޑުމަޑުން ތަރައްގީކޮށްގެން ވިއަސް މި މަޝްރޫއު ފެށުމަށްކަމަށެވެ.
އެގޮތުން އެމްޓީސީސީ، އެސްޓީއޯ، އެމްޕީއެލް ފަދަ ކުންފުނިތަކާއި އެއްކޮށް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫއު ތަރައްޤީ ކުރުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަ ކުރާ ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް އެޅުމަށް ރާވާފައިވާކަމަށެވެ.
އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލްކުރުމުގެ ކެޕޭސިޓީ ޤާއިމްކުރުމަށް އަމާޒު ހިފާފައިވާކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް ލަފާ ކުރެވޭކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް