ޔޫކްރޭންގައި ތިބި ދިވެހިން ސަލާމަތު އެ ގައުމުން ބޭރުކުރުމުގެ އޮޕަރޭޝަން ސަރުކާރުން ކާމިޔާބުކޮށްފި

ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އެ ގައުމުގައި ތާށިވި ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާގެ މެންބަރުން ސަލާމަތުން އެ ގައުމުން ބޭރުކުރުމަށް ސަރުކާރުން ހިންގި އޮޕ...

03 Mar 2022 | 04:16

ރަޝިޔާއާއި ޔޫކްރޭނާއި ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އެ ގައުމުގައި ތާށިވި ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާގެ މެންބަރުން ސަލާމަތުން އެ ގައުމުން ބޭރުކުރުމަށް ސަރުކާރުން ހިންގި އޮޕަރޭޝަން ކާމިޔާބުކޮށްފިއެވެ.

އެގޮތުން އެންމެ ފަހުން ތިބި ނުވަ ދިވެހިން ރޭގެ ދަންވަރުގެ ވަގުތެއްގައި ހަންގޭރީއަށް އެތެރެވެފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ޚަރްކީވްގައި ތިބި ފަސް ދިވެހި ދަރިވަރުންނާއި، އެސިޓީގައި ތިބި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯ ގައި ހުރި ދަރިވަރު އިއްޔެ މެންދުރު ވަނީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލިވީވް އަށް ދަތުރުކޮށްފައި އަދި ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް އެތެރެވެފައިވާއިރު، ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައި" ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ އެގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަންގޭރީގެ ޚާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި، އަދި ނިއުޔޯކްގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ވަނީ ފަހިކޮށްދެއްވާފައި ކަމަށާއި ހަންގޭރީއަށް އެތެރެވުމުން ފޮރިން މިނިސްޓްރީގެ ޓީމްގެ ބެލުމުގެ ދަށުން ދަރިވަރުން ވަނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފައި ކަމަށެވެ. އަދި ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި ޔޫކްރެއިންގައި ތިބި ދަރިވަރުން ދެއްކި ހިތްވަރަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފްކުރައްވާފައެވެ. އަދި ދަރިވަރުން ޔޫކްރެއިންގެ ޚަރްކީވްގައި ތިބި އިރުވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ޙާލު ބައްލަވައި، އެދަރިވަރުންނަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް