" މަލިކާ " ދިވެހި މުޖުތަމަޢަށް ވަރުގަދަ މެސެޖެއް ދީފި

ދިވެހި ފިލްމު ބަލާ ފަރާތްތަކަށް މިއަހަރު އޮލިމްޕަހުން ފެނުނު ފުރަތަމަ ފިލްމަކަށް ވެގެންމިދިޔައީ ދިވެހި ފިލްމު " މަލިކާ" އެވެ. ފިލްމު މަރޗްމަހުގެ 2 ވަނަ ދުވަހުގެ ރޭ ޕްރިމިއަރ ކުރުމުގެ ކުރިން މީޑިޔާތަކަ...

03 Mar 2017 | 06:19

ދިވެހި ފިލްމު ބަލާ ފަރާތްތަކަށް މިއަހަރު އޮލިމްޕަހުން ފެނުނު ފުރަތަމަ ފިލްމަކަށް ވެގެންމިދިޔައީ ދިވެހި ފިލްމު " މަލިކާ" އެވެ. ފިލްމު މަރޗްމަހުގެ 2 ވަނަ ދުވަހުގެ ރޭ ޕްރިމިއަރ ކުރުމުގެ ކުރިން މީޑިޔާތަކަށް ޚާއްސަކޮށްގެން ޕްރީ ޝޯވ އެއް ވަނީ ބާއްވާފައެވެ. އެޝޯވ އަށް ވަނުމުގެ ފުރުސަތު ލިބުމުން ހިތަށް އެރީ މިފިލްމުގައި ހުރިވަރެއް ބަލާލަން ވާނީ ދާށެވެ. ސޯޝަލް މީޑިޔާ މެދުވެރިކޮށް ފިލްމު މާކެޓްކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ތަފާތު އެކިކަހަލަ އާއިލީ މެސެޖްތަކާއި ލޯބީގެ މެސެޖްތަކާއެކު ސޯޝަލް މީޑިޔާގައި މިފިލްމު މާކެޓްކޮށްފައިވާއިރު އެމެސެޖްތައް މިފިލްމުން ކިހާވަރަކަށް ލިބިގެންދާނެތޯ ބަލަން ބޭނުންވިއެވެ.

ފިލްމުގެ މާކެޓިންގ ބައި ކުރިޔަށްދިޔައިރު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ ފިލްމުން ވަރުގަދަ މެސެޖްތަކެއް މުޖުތަމަޢަށް ދޭނެކަމުގައެވެ. ކޮންމެއަކަސް އެވަރުގަދަ މެސެޖަކީ ކޮބައިކަން ބަލާލަން ފިލްމު ބަލަން އޮލިމްޕަހުގެ ގޮނޑިއެއްގައި އިށީންދެ އެ ބަލަން ފަށައިފީމެވެ. ފިލްމު ފެށިގެންގޮސް ނިމެންދެންވެސް ފާހަގަވި ކަމަކީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެބުނި ވާހަކައިގެ ތެދުކަމެވެ. ހަޤީޤަތުގައިވެސް މިފިލްމުން ވަރުގަދަ މެސެޖްތަކެއް މުޖުތަމަޢަށް ދެއެވެ. ފިލްމު ފެށިގެންގޮސް ނިމެންދެންވެސް ފިލްމުން ދިނީ އިބުރަތްތެރި މެސެޖްތަކެކެވެ. ވިސްނާލަން މުހިންމުކަންތައްތަކެއް ވަނީ މުޅި ފިލްމުގައި ދައްކުވައިދީފައެވެ. މިއަދުގެ މުޖުތަމަޢާ ގުޅޭގޮތަށެވެ.

ދިވެހި މުޖުތަމަޢުގެ ބައެއް އާއިލާތަކުގެ ވިސްނުން ހުންނަގޮތް މިފިލްމުންވަނީ ދައްކުވައިދީފައެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ވިސްނުން ބަހައްޓާގޮތުގެ ސަބަބުން ދަރިން މައިންބަފައިންނާމެދު ދެކޭގޮތް ބަދަލުވެގެން ހިނގައިދާނެކަމުގެ މެސެޖެވެ. އަންހެންދަރިންނާއި ފިރިހެން ދަރިން ތަފާތުނުކޮށް ދަރިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމުގެ މެސެޖެވެ. މައިންބަފައިން ޖާނު ގުރުބާންކޮށްގެން ދަރިން ބަލާބޮޑުކުރުމުން އެދަރިން މައިންބަފައިންނާމެދު ކަންތައްކުރާގޮތެވެ. މައިންބަފައިން މުސްކުޅިވެ ދަރިންގެ އަޅާލުން ބޭނުންވި ދުވަހު ދަރިންނަށް އެމައިންބަފައިންނަށް އަޅާނުލެވޭކަމެވެ. ވަގުތު ނުދެވޭކަމެވެ.  އެކަމުގެ ސަބަބުން މައިންބަފައިންގެ ހިތަށްކުރާ އަސަރާ، ހިތްދަތިކަން މިފިލްމު ބަލަންއިން އިރު ކިތަންމެ ރަނގަޅަކަށްވެސް އިހުސާސްކުރެވުނެވެ.  ޢާއިލީ ގުޅުމުގެ މުހިންމުކަމެވެ. އެކުވެރިކަމާއި އެހީތެރިކަމާއި އެކަކު އަނެކަކަށް އަޅާލުމުގެ ރީތި ސިފަ މިފިލްމުގައި ދައްކުވައިދީފައިވެއެވެ.

މިމެސެޖްތައް ކިތަންމެ ރަނގަޅަކަށްވެސް މިފިލްމުން ލިނބިގެން ހިގައްޖެއެވެ. މެސެޖްތަކުގެ ވާހަކަ ބާއްވާފައި ފިލްމުގައި ހުރި އެހެން ކަންކަމަށް ބަލާލަމާހެއްޔެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ސިނަމެޓޯގްރަފީ އާއި ސްކްރީންޕްލޭގެ ވާހަކަވެސް ދައްކާލަމާހެއްޔެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ މަޝްހޫރު ވާހަކަލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދެވެ. ފިލްމުގެ ސްކްރިޕްޓަށް ބަލާލާނަމަ ފިލްމުގެ ސްކްރިޕްޓަކީ މޮޅު ސްކްރިޕްޓެކޭ ބުނެވިދާނެއެވެ. މިފިލްމުގެ މައިގަނޑު ދެކެރެކްޓަރ ގެ ގޮތުގައި ފެނިގެންދަނީ ބައްޕަގެ ކެރެކްޓަރއާއި މަލިކާ ގެ ކެރެކްޓަރއެވެ.  ކަންކަމާމެދު ބައްޕަ ދެކޭގޮތާއި ބައްޕައަށް ދިމާވާކަންކަން މިފިލްމުން މައިގަނޑުގޮތެއްގައި ފެނިގެންދާއިރު އެކަންކަމުގެ ސަބަބުން މަލިކާގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ގެނެސްދީފައިވަނީ ޝައުގުވެރިކަން އުފެދޭގޮތަށެވެ. ސްކްރީންޕްލޭގައި ލިޔެފައިވާގޮތަށް އެ އިހުސާސްތައް އޯޑިއަންސާ ހަމައަށް މިފިލްމުން ގެނެސްދީފައިވާކަން ފާހަގަކުރެވެއެވެ. ބައްޕައަށް ދެން ވާނީ ކިހިނެއްތޯ، ބައްޕަ ދެން ނިންމާނީ ކޮން ނިންމުމެއްތޯ އާއި މަލިކާގެ ދިރިއުޅުން ބައްޓަންވެގެންދާނެގޮތް އެއީ ފިލްމު ނިމެންދެންވެސް ބަލަން ބޭނުންވިކަންކަމެކެވެ.

ޝައުގުވެރިކަން ދަމަހައްޓައިގެން ފިލްމު ކުރިޔަށްގެންދިޔުމަށް މަސައްކަތްކޮށްފައިވީނަމަވެސް ފިލްމުގައި ބޭކާރު ޝޮޓްތައް ގިނަކަން ފާހަގަކުރެވުނެވެ. ފަހަރެއްގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބޭނުންވީ މިފިލްމުގެ ދިގުމިން ވަކި މިނެޓަކަށް ފައްތަންކަމަށްވެސް ވެދާނެއެވެ. ފިލްމުގެ ބޭކާރު ޝޮޓްތަކާއި ދޭތެރެއަކުން ވާނުވާ ނޭންގޭގޮތަކަށް އައި ލަވައެއްގެ ސަބަބުން ފިލްމުގެ ޝައުގުވެރިކަން އެއްވަރެއްގައި ހިފެހެއްޓުމަށް ހުރަހަކަށްވެގެންދިޔައެވެ. ފިލްމު ހުށަހަޅައިދިނުމަށް ޒަމާނީ އުކުޅުތަކާއެކު ސިނެމެޓޯގްރަފީގެ ފުރިހަމަކަންވެސް ފިލްމު ބަލަން އިންއިރު ފާހަގަވިއެވެ.

ދެންމިއޮތީ މިފިލްމުގެ ކާސްޓުންގެ ވާހަކައެވެ. މިފިލްމުގެ ޓައިޓަލް ރޯލް " މަލިކާ " ގެ ރޯލު ކުޅެފައިވަނީ ފިލްމީ ދާއިރާއަށް އަލަން ވަން ތަރިއެއްކަމަށްވާ ނުޒުހަތު ޝުޢައިބު (ނުޒޫ) އެވެ. ބައްޕަގެ ރޯލުން އިސްމާއީލް ޒާހިރު ފެނިގެންދާއިރު މަންމަގެ ރޯލުން ފެނިގެންދަނީ މަރިޔަމް ޝަކީލާއެވެ. މިދެމީހުންގެ ތިން ފިރިހެންދަރިންގެ ރޯލުން ފެނިގެންދަނީ އަހުމަދު އާސިމް، އަލީ އާޒިމް އަދި އަހުމަދު ޝާކިރެވެ. މީގެއިތުރުން އަލީ ފާރޫގު، ޖުމައްޔަލު ނިމާލު، ނީނާ ސަލީމް، ފާތުމަތު އާޒިފާ އަދި ސުޖީތާ އަބްދުﷲ ވެސް މިފިލްމުންފެނިގެންދެއެވެ. ޖުމްލަގޮތެއްގައި މުޅި ކާސްޓުގެ އެކްޓިންގ ވެސް ރަނގަޅުކަން ފާހަގަކުރެވުނެވެ. ފިލްމުގެ ޓައިޓަލް ރޯލްކުޅެފައިވަނީ މިދާއިރާއަށް އަލަން ވަން ތަރިއެއްނަމަވެސް އޭނާގެ އެކްޓިންގ ޖުމްލަގޮތެއްގައި ރަނގަޅުކަމަށް ބުނަންޖެހެއެވެ.

ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ އީސް އެންޓަޓައިމަންޓުގެ ލިލީގެ ޗެއާމަން މައްލާ ނާސިރު(މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (ޓީވީއެމް އިއްބެ) އެވެ. ޑައިރެކްޓަރުންގެ ޓީމުގައި ހިމެނެނީ އަލީ މުސްތަފާ (ސެމީ) އާއި މޫމިން ފުއާދުގެ އިތުރުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)އެވެ.

ކޮންމެއަކަސް ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މިފިލްމަކީ ބަދަލުވަމުންމިދާ ދިވެހި މުޖުތަމަޢުގެ ކޮންމެ މީހަކުވެސް ބަލާލުންހަމަ ރަނގަޅު ފިލްމެކެވެ. މިހާރު މައިންބަފައިންގެ ގޮތުގައި ތިބި މީހުންނާއި މައިންބަފައިންނަށް ވާން ތައްޔާރުވަމުންދާ މީހުންގެ އިތުރުން ދަރިންވެސް މިފިލްމުން ބަލާލުން ރަނގަޅެވެ. ހަމަގައިމުވެސް ފިލްމަށްވަދެފައި ފިލްމު އެއްކޮށް ނުބަލާ ނިކުމެގެންދާވަރެއް ނުވެއެވެ. މާބޮޑު ތަފާތުތަކެއް މިފިލްމުން ފެނިގެން ނުދިޔަނަމަވެސް މިއީ މިމުޖުތަމަޢާގުޅޭގޮތަށް އުފައްދާފައިވާ ފެންވަރު ރަނގަޅު ފިލްމެކޭ ބުނެވިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް