މާލެ ސަރަހައްދަށް ކަދުރު ބަހާ ނިމިއްޖެ: އިސްލާމިކް މިނިސްޓްރީ

ސައޫދީން ބަހަން ހަދިޔާކުރި ކަދުރުން މާލެ ސަރަހައްދަށް ބަހަންހުރި ކަދުރު ބަހާ ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ 1146 ވަނަ އަހަރު ދިވެހި ރާއްޖޭގެ...

03 Feb 2025 | 16:10

ސައޫދީން ބަހަން ހަދިޔާކުރި ކަދުރުން މާލެ ސަރަހައްދަށް ބަހަންހުރި ކަދުރު ބަހާ ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ 1146 ވަނަ އަހަރު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ 50 ޓަނު (25،000 ޕެކެޓު) ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅުނު އަދަދު ވަނީ ބަހާ ހުސްވެފައި ކަމަށެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. މިއަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ. ކަދުރުތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ޙަވާލުކޮށްފައިވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ވުޒާރާގެ ފަރާތުން ރަސްމީކޮށް ކަދުރާއި ހަވާލުވެލެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

މާލެ ސަރަހައްދުގައި ކަދުރު ބަހަން ފަށާފައިވަނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި ރަށްރަށުގައި ކަދުރު ބަހާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

މީގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޭ ގޮތަށް މިފަހަރު ހަމަޖައްސާފައިވާއިރު، އެކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވުޒާރާގައި ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވައިލިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް