ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 173 ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި ބިދޭސީންނާއި ގުޅިގެން ބައެއް ދިވެހިން ހިންގާ ހަށިވިއްކުމުގެ އަމަލުތައް ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށެވެ.
އެގޮތުން 13 އޮޕަރޭޝަނެއް ހިންގާފައިވާއިރު، އެ އޮޕަރޭޝަންތަކުގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 173 ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނަށް އަންގާފައިވާ ކަމަށް ނާފިޒު ބުންޏެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ހިންގި 29 އޮޕަރޭޝަނެއްގައި 51 ސަފާރީވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންތަކުގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅޭ މުއާމަލާތާ ގުޅުން ހުރި 135 ދިވެހިންނާއި 16 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ނާފިޒް ވިދާޅުވިއެވެ.
ނާފިޒް ވިދާޅުވީ އެ އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު ހަތަރު ލައްކަ އަށާރަހާސް ރުފިޔާއަށް އަރާކަމަށެވެ. އަދި އަތުލައިގަނެވުނު ބަނގުރަލުގެ ޖުމްލަ އަދަދު ހަތަރު ލައްކަ ނަވާރަ ހާހަށް އަރާކަމަށް ނާފިޒު ވިދާޅުވިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީން ކުށްތަކަށް އަރައިގަތުން އިތުރުވެފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް މުހިންމު އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް