ރޯދަމަހަށް ފަހު އައު މާރުކޭޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ''ރައީސްގެ ޖަވާބު' ސިލްސިލާގައި ހއ.ބާރަށަށް ނިސްބަތްވާ އަބްދުﷲ އިބްރާހިމް މަނިކު ވަނީ މާރުކޭޓުގެ ހާލަތު އަދި ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާތީ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަކީ އެކަށީގެންވާ ފެންވަރުގައި ހުރި ތަންތަން ނޫން ކަމަށާއި، މާރުކޭޓުތައް ހިންގަން އާ އިމާރާތެއް އެޅުމަށް ދޭންޖެހޭ ހުރިހާ ހުއްދައެއް މިހާރު މާލެ ސިޓީ ކައުންސިލަށް ދީފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ 4 ބުރީގެ އިމާރާތެއް އަޅާނެ ކަމަށެވެ. އަދި އެތަން ވެގެންދާނީ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައިވެސް ވިއްކާ ތަކެތި ވިއްކޭ ކަހަލަ ޖާގަ ތަނަވަސް ތަނަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތަން އިމާރާތްކުރާނީ ޕާކިންގ ޖާގަވެސް ހިމެނޭ ގޮތަށް ކަމަށެވެ.
އާ އިމާރާތް ހެދުމަށްޓަކައި، މިހާރު ހުރި މާރުކޭޓު ތަޅާލުމަށްފަހު ވަގުތީ މާރުކޭޓަކަށް އެތަނުގެ ވިޔަފާރި ބަދަލުކުރާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައު މާރުކޭޓާއެކު ބިދޭސީން ގޮޅިތަކުގައި ވިޔަފާރިކުރާ މައްސަލައަށްވެސް ހައްލެއް އަންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން އިމްޕްލިމެންޓިންގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތުން ދިވެހިންނަށް ގޮޅި ދޫކުރެވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް