ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހުގައި ކެނޑިޑޭޓުންގެ ފޮޓޯއާއި ލޯގޯ ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޯޓު ކަރުދާހުގައި ކެނޑިޑޭޓުންގެ ފޮޓޯއާއި ލޯގޯ ޖެހުމަށް އެ ކޮމިޝަނުން ނިންމީ މިދިޔަ ހަފްތާގައި ކަމަށެވެ.
ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓުންގެ ލޯގޯއަކަށް ވާނީ އެ ކެނޑިޑޭޓަކު ނިސްބަތްވާ ޕާޓީގެ ލޯގޯ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ބޭނުން ކުރާނީ އެ ކެނޑިޑޭޓުން އަމިއްލައަށް ހުށަހަޅާ ލޯގޯ އެއް އިލެކްޝަންސް ކޮމިޝަނުން ފާސްކުރުމުން ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެއް ކެނޑިޑޭޓަކު ހުށަހަޅާ ލޯގޯ އަނެއް ކެނޑިޑޭޓަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ދެ ލޯގޯ އެއްގޮތް ވާނަމަ ފުރުސަތު ލިބޭނީ ކުރިން ލޯގޯ ހުށަހެޅުއްވި ކެނޑިޑޭޓަށް ކަމަށް ހަބީބް ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް