މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕްތައް ކޫއްޑޫގައި ގާއިމްކޮށްފި

މިނެޓަކު 160 ލީޓަރުގެ ތެޔޮ އެޅޭ ޕަންޕްތައް ކޫއްޑޫގައި ގާއިމްކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ޕަންޕްތައް ކޫއްޑޫގައި ގާއިމްކޮށްފައި މިވަނީ ކޫއްޑޫގެ ތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އެޅުމުގަ...

03 Feb 2024 | 09:26

މިނެޓަކު 160 ލީޓަރުގެ ތެޔޮ އެޅޭ ޕަންޕްތައް ކޫއްޑޫގައި ގާއިމްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ޕަންޕްތައް ކޫއްޑޫގައި ގާއިމްކޮށްފައި މިވަނީ ކޫއްޑޫގެ ތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ކޫއްޑޫގައި އެފްއެސްއެމް އިން ކުރިން ގާއިމްކޮށްފައިވާ ޕަމްޕްތަކުން ތެޔޮ އެޅެނީ މިނެޓަކު 30 ލީޓަރެވެ. މިހާރު ގާއިމްކޮށްފައިވާ ޕަމްޕްތައް ކުރިއަށްވުރެ 5 ގުނަ ބޮޑު އިރު، ފިޝަރީޒް މިނިސްޓްރީން ބުނީ މި ބަދަލާއެކު ބޮޑެތި މަސްދޯނިތަކަށްވެސް 15 މިނެޓެއް ހާއިރުން ތެޔޮ އެޅޭނެ ކަމަށެވެ.

މަސްދޯނިތަކަށް ފަސޭހައިން ތެޔޮ އެޅޭނެ ގޮތް ސަރުކާރުން ފަހިކޮށްދީފައިވާއިރު، މަސްވެރިންނަށް ނުދެވި ހުރި 190 މިލިއަނެއްހާ ރުފިޔާ ދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށާއި، މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ޚަލާސްކުރެވިއްޖެ ކަމަށެވެ.

ނަމަވެސް، ކޮންމެ ދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށާއި، ސަރުކާރު އަދި މިފްކޯއިންދަނީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މި ސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް