ދިގުރަށު ކުނިގޮނޑުން ނެގި ކުއްޖާ ވިހެއި އިރު މަރުނުވާކަމަށް ހާމަވެއްޖެ

އދ.ދިގުރަށު ކުނިގޮނޑުން ނެގި ކުއްޖާ ވިހެއި އިރު މަރުނުވާކަމަށް ހާމަވެއްޖެއެވެ. "ވަގުތު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕޯސްޓްޕާޓަމްގެ ވަގުތީ ރިޕޯޓުން ހާމަވާގޮތުގައި ކުއްޖާ އުފަންވި އިރު ފުރާނަ ހުއްޓ...

03 Feb 2024 | 09:05

އދ.ދިގުރަށު ކުނިގޮނޑުން ނެގި ކުއްޖާ ވިހެއި އިރު މަރުނުވާކަމަށް ހާމަވެއްޖެއެވެ.

"ވަގުތު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕޯސްޓްޕާޓަމްގެ ވަގުތީ ރިޕޯޓުން ހާމަވާގޮތުގައި ކުއްޖާ އުފަންވި އިރު ފުރާނަ ހުއްޓެވެ. އަދި ކުއްޖާ މަރުވި އަސްލު ސަބަބު ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓުން އެނގޭނެ ކަމަށް އިތުބާރު ހުރި މަސްދަރަކުން އެ ނޫހަށް މައުލޫމާތުދީފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ދިގުރަށު ކުނިގޮނޑަށް ކޮތަޅަކަށް ލާފައި ކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ. ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައި ކަމަށް ދިގުރަށު ހޮސްޕިޓަލުން މީގެ ކުރިން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ކުއްޖާގެ މަންމަ ހައްޔަރުކޮށްފައިވަނީ ލަންކާއަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓައެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ވަނީ ކުއްޖާގެ މަންމަ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް އަށް ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، އެނގި ހުރެ މީހަކު މެރުމުގެ ދައުވާއާއި، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާއެވެ. އެ ތިން ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 13 އަހަރާއި 28 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެއެވެ.

ޕީޖީ އޮފީހުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ހިރަންޏާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅުމަށްފަހު ކުއްޖާ ވިހާފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ 10 އާއި 3 ޑިސެމްބަރު ވަނަ ދުވަހުގެ ހެނދުނު 5 އާއި ދެމެދުގެ ވަގުތެއްގައި ދިގުރަށު ކޮޓަރިއެއްގައި ހުރި ފާހަނަތަށި ތެރެއަށް ކަމަށެވެ.

އެ އަންހެން މީހާ ބަލިވެ އިނީއްސުރެ ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް، ކުއްޖާ މަރާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް