މެއި މަހުގެ 10 ގެ ކުރިން ހުރިހާ އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައި މިވަނީ އިއްޔެ ނިއުދިއްލީގައި ބާއްވާފައިވާ ރާއްޖެއާއި އިންޑިއާއާ ދެމެދު ބާއްވާ ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުމަށް ފަހުއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމްވެ ތިބިއިރު، އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބި ސިފައިން އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭލުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބާކީ ދެ ސަރަހައްދުގައި ތިބި ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭލުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ހައިލެވެލް ކޯ ގްރޫޕުގެ ތިންވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަހު ހަފުތާގެ ތެރޭގައި މާލޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް