އިންޑިއާ ސިފައިން އަނެއްކާވެސް ދިވެހި މަސްދޯންޏަކަށް އަރައިފި

އިންޑިއާ ސިފައިން އަނެއްކާވެސް ދިވެހި މަސްދޯންޏަކަށް އަރައި ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ އެއް ...

03 Feb 2024 | 07:34

އިންޑިއާ ސިފައިން އަނެއްކާވެސް ދިވެހި މަސްދޯންޏަކަށް އަރައި ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ މާހޯރަ 3 ކިޔާ ދޯންޏެއް ދަތުރުކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހި އިރު އިންޑިއާގެ މަނަވަރެއް ކައިރުކޮށް ދޯންޏަށް އަރާ މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށެވެ.

އެ ޔޫނިއަން އިން ބުނީ ދޯނީގެ ވެރިފަރާތުން އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދިޔަ މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޓިނޭޓު ކުރުމެއް ނެތި، ބައިނަލްއަގްވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އިންޑިއާ ސަރުކާރުގައި މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ދަންނަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް