އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ހަތަރު މަސް ވާން ގާތްވެފައިވާއިރު އަޅާލާނެ އާރެއް ޔާރެއް ނެތް ކުޑަކުދިންގެ އަދަދުވެސް އުޅެނީ 17 ހާހުން މަތީގައި ކަމަށް އދ ގެ ކުޑަކުދިންގެ ހައްގުތަކާއިބެހޭ ޖަމިއްޔާ ޔުނިސެފުން ބުނެފިއެވެ.
އެގޮތުން ޔުނިސެފުން ބުނެފައިވަނީ އެ އަދަދު ނެރެފައިއެވަނީ ޣައްޒާގައި ވިއްސި ވިހާލިވެފައިވާ 1.7 މިލިޔަން މީހުންގެ އާބާދީގެ އެއް އިންސައްތައަށް ކަމުގައި ބަލައިގެން ކަމަށާއި އަސްލު އަދަދު ހޯދުމަކީ މުސްތަހީއްލު ކަމަކަށް ވާނެ ކަމަށެވެ.
އެގޮތުން ފަލަސްތީނު ސަރަހައްދަށް ކަނޑައަޅާފައިހުންނަ ޔުނިސެފްގެ ޗީފް ކޮމިއުނިކޭޝަންސް އޮފިސަރު ޖޮނަތަން ކްރިކްސް އިއްޔެ ބުނެފައިވަނީ އެފަދަ އެތައް ކުދިންނެއް ޣައްޒާގެ މަގުތަކުގައްޔާއި އެތަންމިތާނގައި ދިރިއުޅެމުން އަންނައިރު އެފަދަ ކުދިންނަށް ގިނަ ފަހަރު އެހީތެރިކަން ލިބިގެންދަނީ ހަމަލާއެއްގައި އަނިޔާވުމުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ހޮސްޕިޓަލަކާއި ހަމައަށް ގެނެވޭ ހިސާބުން ކަމަށެވެ.
ޣައްޒާގައި ވިއްސި ވިހާލިވެފައިވާ 1.7 މިލިޔަން އާބާދީގެ ތެރެއިން މިލިޔަނެއްހާ އަދަދަކީ ކުޑަކުދިންނެވެ. އެ ކުދިންނަށް ނަފްސާނީ އެހީތެރިކަން އިންތިހާއަށް ބޭނުންވާކަންވެސް ޔުނިސެފުން ފާހަގަކުރެއެވެ. އަދި އެ ކުދިންނަށް އެކި އާއިލާތަކުން އެހީތެރިކަމާ އަޅާލުން ލިބެމުންދިޔަ ނަމަވެސް ޣައްޒާގެ އާއްމު ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު އެފަދަ އާއިލާތަކަށްވެސް އިތުރު ކުދިންނަށް އަޅާލުމާއި ލޯބި ދިނުމަކީ ދަތި ކަމަކަށް މިހާރު ވަމުން އަންނަ ކަމަށެވެ.
އޮކްޓޯބަރު ހަތަކުން ފެށިގެން ހުއްޓުމެއްނެތި އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު ފަލަސްތީނުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި އެ ހަމަލާތަކުގައި މިހާތަނަށް 27 ހާހަށްވުރެ ގިނަ މީހަކު ޝަހީދުވެފައިވެއެވެ. އެ އަދަދުންވެސް 11،500 އަކީ ކުޑަކުދިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް