ދިވެހި އުމްރާވެރިންގެ އުމްރާ ދަތުރުތަކުގައި ދެން ބޭނުންކުރާނީ ހަމަރައިން ހައިސްޕީޑް ޓްރެއިންތައް ކަމަށް ދިވެހިރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން އެކްސްގައި ކުރ ޕޯސްޓެއްގައި ބުނީ އެ ކޯޕަރޭޝަންގެ ފަރާތުން ކުރާ އުމްރާ ދަތުރުތަކުގައި މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަމަރައިން ހައިސްޕީޑް ޓްރެއިން ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި ޓްރެއިން ދަތުރުތަކަށް އިތުރު އަގެއް ޗާޖު ނުކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން އުމްރާވެރިން މަދީނާ ދަތުރުތަކުގައި ތަހައްމަލު ކުރަމުން ދިޔަ ބުރައަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެން ދާނެ ކަމަށެވެ.
މީގެ ކުރިން މައްކާއާ މަދީނާއާ ދެމެދު ކުރާ ބަސް ދަތުރުތަކަށް ގާތްގަނޑަކަށް 6 ނުވަތަ 8 ގަޑިއިރު ހޭދަވެއެވެ. މި ދެމެދުގައި ޓްރެއިންގައި ކުރާ ދަތުރުގެ ދިގުމިނަކީ ގާތް ގަނޑަކަށް 2 ގަޑި އިރާއި 20 މިނެޓެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ބަހުގައި ކުރަމުން ދިޔަ ތަކުލީފު ބޮޑު ދަތުރުތައް ޓްރެއިންގައި ފަސޭހަ އަވަސް ދަތުރުތަކަށް ބަދަލުކުރަން ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެ ކޯޕަރޭޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދެއްވާ ސަމާލުކަމާއި އެހީތެރިކަމުގެ ސަބަބުން ފަހިވެގެން ދިޔަ ފުރުސަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް