އިންޑިއާ ސިފައިން ވަނީ އިތުރު ދެ މަސް ދޯންޏަކަށް ވެސް އަރާފައި: ޑިފެންސް މިނިސްޓްރީ

މިދިޔަ ބުދަ ދުވަހު ހއ.ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދިޔަ އދ.މަހިބަދޫގެ އަސުރުމާ 3 ނަމަކަށް ކިޔާ ދޯންޏަށް ބ...

03 Feb 2024 | 05:39

މިދިޔަ ބުދަ ދުވަހު ހއ.ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދިޔަ އދ.މަހިބަދޫގެ އަސުރުމާ 3 ނަމަކަށް ކިޔާ ދޯންޏަށް ބޭރުގެ އަސްކަރިއްޔާއިން އެރިކަމުގެ މައުލޫމާތު ލިބުމުން އެ ސަރަހައްދަށް އެމްއެންޑީއެފްގެ ކޯސްޓްގާޑު ދިއުމުން، އިތުރު 2 މަސް ދޯންޏަކަށްވެސް އިންޑިއާ ސިފައިން އެރިކަމުގެ މައުލޫމާތު ލިބުނު ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާހޮރާ 3 އަދި ނިރު 7 ކިޔާ 2 މަސްދޯންޏަޔަކަށް ބޭރުގެ އަސްކަރިއްޔާއިން އަރާފައިވާ ކަމަށާއި، އެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާގެ ކޯސްޓްގާޑު ޝިޕް 253 އަށް ނިސްބަތްވާ ބޯޑިންގ ޓީމުތަކުންނަށް ކަށަވަރު ކުރެވުނު ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދިޔަ މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޓިނޭޓު ކުރުމެއް ނެތި، ބައިނަލްއަގްވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އިންޑިއާ ސަރުކާރުގައި މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ދަންނަވާފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ނަފާހޯދުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މިންނެތް މަސައްކަތް ސާބިތުކަމާއެކު ކުރިއަށް ގެންދިއުމަށް ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް