ޓްރާންސްޕޯރޓް މިނިސްޓްރީގެ ފަރާތުން ތައާރަފްކޮށްފައިވާ ޑިޖިޓަލް ލައިސަންސް އަންނަ އާދީއްތަދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަލަށް ތައާރަފްކޮށްފައިވާ ސޮފްޓްވެއަރގެ ބައިތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް 5 ފެބްރުވަރީ 2023 އިން ފެށިގެން ބޭނުން ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން 5 ފެބްރުވަރީ 2023 އިން ފެށިގެން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުން ކުރަމުންދާ އެޕްލިކޭޝަނުން ފެންނަ އެ މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބައްލައިގަނެ އެޕްލިކޭޝަންއިން ފެންނަ ލައިސަންސަކީ މުއްދަތު އޮތް ލައިސަންސްއެއްނަމަ އެއީ ޞައްޙަ ލައިސެންސް ކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސް ބަލައިގަތުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އަންގާފައެވެ.
އަދި އަލަށް ތަޢާރަފްކުރެވޭ މި ސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށާއި ލައިސަންސް ދޫކުރެވޭނީވެސް ޑިޖިޓަލް ކޮށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައި ވެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ބަދަލުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ.
މީގެ އިތުރުން މިހާރު ޕްރިންޓިންގ އަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެން ދާނެކަމަށާއި ޑިޖިޓަލް ކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތުވެސް ފަހިކޮށް ދެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް