މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދަތުރު ދިޔުމަށް ސަރުކާރުން މާލެ ކައިރިން ކުޑަގިރި ފަޅުގައި ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކުޑަގިރި އެޕްގެ ނަމުގައި އެޕްލިކޭޝަނެއް ލޯންޗުކޮށްފި އެވެ.
އެޗްޑީސީން މިއަދު ބުނީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޢުމަށް ސަރުކާރުގެ ވައުދާއި އެއްގޮތައް ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކޮށް އާމުންނަށް ހުޅުވާލުމަށް އެޗްޑިސީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ކުޑަގިރީގެ ހިދުމަތްތައް ލުއި ފަސޭހަ ގޮތަކަށް ދިނުމަށް މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ކުޑަގިރި މޮބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވުމުން ކުޑަގިރި ޕިކްނިކް އައިލެންޑާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ބުކިންގްއަށް ހުޅުވާލެވިފައި ނުވި ކަމުގައި ވިއަސް ޑައުންލޯޑްކޮށް އަވަހަށް ރަޖިސްޓްރީ ކުރައްވައިގެން މި އެޕްލިކޭޝަން މެދުވެރިކޮށް ކުޑަގިރި އާއި ބެހޭ އެއްމެ ފަހުގެ މަޢޫލޫމާތު ހޯދުމަށް ނޮޓީފިކޭޝަން އޮންކޮލެވޭނެ ކަމަށެވެ.
ސަރުކާރުން ބުނީ ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރަނީ 3 ސްޓަރ ފެންވަރަށް ކަމަށާއި ބޭނުންވާ ހުރިހާ ވަސީލަތެއް ހުންނާނެ ކަމަށެވެ.
އަދި 10 ފެބްރުއަރީގައި ޚިދުމަތަށް ހުޅުވާލުމަށް ވަނީ ތައްޔާރުވެފައި ކަމަށާއި އެއްފަހަރާ 500- 600 އާއި ދެމެދުގެ މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ހާމަކުރެ އެވެ.
1.5 ހެކްޓަރުގެ ކުޑަގިރި ޕިކްނިކް އައިލެންޑްގައި ދަތުރުދާ ރަށަކުން ބޭނުންވާނެ ފަދަ ރީތި މޫދަކާއި، ދަތުރުދާ ފަރާތްތަކަށް ބޭނުންވާނޭ ހުރިހާ ފެސިލިޓީތައް ވަނީ ޤާއިމުކޮށް ނިމިފައެވެ. އެގޮތުން ރަށް ބަލަހައްޓާ އޮފީހަކާއި، މިސްކިތާއި، ފާޚާނާ ބަރި، ކެފޭ، ފިހާރަ، ކުޑަކުދިން ކުޅޭނެ ޕާކާއި ހަޓުތަކާއި އަދި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ހިމެނެ އެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް