ތިލަފުށިން ބީލަމުގެ އުސޫލުން ބިން ވިއްކަނީ

ތިލަފުށީގެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފޭސްތަކަކަށް...

03 Feb 2023 | 12:36

ތިލަފުށީގެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށާއި މި ޕޯޓަލް އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އަދި ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތައް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ ތިލަފުށިން ބިން ގަތުމަށް ބީލަން ހުށަހެޅޭނެ އެންމެދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމަށެވެ.

އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެ ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ނަމަވެސް ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ތިލަފުށިން ބިން ގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވާ ޕޯޓަލްގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓް އަދި ގެޒެޓްގައި އާންމުކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް