މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކުގެ އަދަބު ބޮޑު ކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުމާއި އެއާއި ގުޅޭ ކުށްތަކުގައި މިހާރު ދެމުން އަންނަ އަދަބު ބޮޑު ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "...

03 Feb 2023 | 08:34

މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުމާއި އެއާއި ގުޅޭ ކުށްތަކުގައި މިހާރު ދެމުން އަންނަ އަދަބު ބޮޑު ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "މަސްތުވާތަކެތީގެ ނުރައްކާ" މި މައުލޫއެވެ.

މި މައުލޫގައި މަސްތުވާތަކެތީގެ ނުރައްކަލާއި އެއިން މުޖްތަމައަށް ކުރާ ނޭދެވޭ އަސަރާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ހިމަނާފައިވެއެވެ. އެގޮތުން މަސްތުވާތަކެއްޗަކީ މީހާ ހަމަބުއްދިއާއި ހެޔޮވިސްނުމުން އެއްކިބާ ކޮށްލާއެއްޗެއްކަން ކަށަވަރު ކަމާއި މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން މި ޒަމާނުގެ ދިރާސާތަކުން ސާބިތުވާކަމާއި މިފަދަ ދިރާސާތަކުން ދައްކާގޮތުގައި ހެރޮއިން އާއި ކޮކޭން ބޭނުންކުރާ މީހުންގެ ސިކުނޑިއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، ސިކުނޑިން ރަނގަޅު ނޫން މެސެޖްތަކެއް ދޭން ފަށާކަމާއި އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ކިބައިން ގިނަފަހަރަށް އާދަޔާ ހިލާފު އަމަލުތައް ފެނިގެންދާކަމާއި އަދި ބައެއް ފަހަރަށް ކަންބޮޑޫވެ ހާސްވެގެން އަމިއްލައަށް ދަންޖެހި މަރުވާ ހިސާބަށްވެސް ކަންކަން ދާކަން ބަޔާންކޮށްފައިވެއެވެ.

"މިހެންދިމާވަނީ މަސްތުވާތަކެތި ބޭނުން ކުރުމުން ސިކުނޑިއަށް ލިބޭ ގެއްލުމުން ސިކުނޑީގެ ބައެއް ސެލްތައް ހަލާކުވުމުންނެވެ. މި ގެއްލުމަކީ އަލުން ފޫބެއްދޭވަރުގެ ގެއްލުމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރުމުން މީހާގެ ހަށިގަނޑުގައިވާ އެންމެ ކުދި ނާރުތަކަށް ދާންދެން އެކަމުގެ ނުބައި އަސަރު ފޯރައެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލެވުނު ކަމުގައިވިޔަސް އޭގެ އަހަރުތަކެއް ފަހުންވެސް އެމީހަކު އެއާ ދިމާއަށް ދިއުމަކީ އެކަށީގެންވާކަމެކެވެ." ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައިވެސް ފާހަގަކޮށްފައިވާގޮތުގައި މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މި މަސްތުވާތަކެތީގެ ވަބާއެވެ.

ހުތުބާގައި ފާހަގަކޮށްފައިވާގޮގތުގައި މަސްތުވާތަކެތީގެ ނުރައްކާ ބޮޑުކަމުން ދުނިޔޭގައި މިއާ ދެކޮޅަށް ހަނގުރާމަކުރަނީ ހަމައެކަނި މުސްލިމް ގައުމުތަކުން އެކަންޏެއް ނޫނެވެ. ވަރަސް ގިނަ ގައިރު މުސްލިމް ގައުމުތަކުގައިވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އުގޫބާތް ދެއެވެ. މިރާއްޖޭގައިވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުންކަމެއްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މި ސުންޕާ ވަބާ އަޅުގަނޑުމެންގެ މުޖްތަމައުން ފުހެލުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް އެންމެން އެކުވެގެން ގިނަގުނަ މަސައްކަތްތަކެއް ކުރަން ވެއްޖެކަންވެސް ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ރަލަކީ މިފަދަ ނުބައި އެއްޗަކަށް ވީހިނދު ، މަސްތުވާ ހިކިތަކެއްޗާ، އޮލަ ތަކެއްޗަކީ އެއަށްވުރެވެސް ނުބައި އެއްޗެއްސެވެ. އެހެނީ ރާބުއިމުން މަސްތުވިއަކަސް، މަސްތުވާތަކެތި ނުލިބުމުން މީހާއަށް އެވާހެން ރާ ނުލިބުމަކުން ނުވެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހަކަށް އެންމެ ދުވަހަކުވެސް އޭނާ ބޭނުންކުރާ މިންވަރު ނުލިބިއްޖެނަމަ ކޮންމެ ގޮތެއް ހަދައިގެންވެސް އެ ހޯދަން އޭނާއަށް މަޖުބޫރުވެއެވެ. އެހެންވެ މަސްތގުވާތަކެގތި ބޭނުންކުރަން ފެށުމުން ވައްކަންކުރުންފަދަ ކުށްތަކަށް އަރައިގަތުން ނޫން ގޮތެއް އެމީހުންނަކަށް ނޯވެއެވެ. މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އާއްމުގޮތެއްގައި އަޅުގަނޑުމެންގެ ތެރެއިން ރަނގަޅު ފެންވަރުގެ މުވައްޒަފެއްގެ މަހު މުސާރައަށްވުރެ ބޮޑު އަދަދެއް އެވްރެޖް ގޮތެއްގައި މަސްތުވާތަކެއްޗަށް ހޭދަކުރަން ޖެހޭކަމުގައި ބުނެފައިވެއެވެ. މިއީ އެހެނިހެން ހަރަދުތައް ކަނޑައި ހަމައެކަނި މަސްތުވާތަކެއްޗަށް ހަރަދުކުރަންޖެހޭ މިންވަރެވެ. ނަތީޖާއަކަށް ވަނީ ކޮންމެފަދަ ގޮތަކަށް ނަމަވެސް މި ފައިސާ ހޯދުމަށް ނުކުތުމަށް މަޖްބޫރުވުމެވެ. މަސްތުވާތަކެތިބޭނުންކުރާ މީހުންނަކީ ގިނަފަހަރަށް ވަޒީފާއެއް އަދާކުރެވޭވަރުގެ ސިއްހަތެއް ހުންނަ ބަޔަކަށް ނުވެފައި، މިފަދަ މީހުންގެ އަމަލުތައް ހުންނަގޮތުން އެމީހުންނަށް ވަޒީފާ ދިނުމަށް ވަޒީފާ ދޭ ފަރާތްތަކުންވެސް ފަސްޖެހެއެވެ. މިކަމުގެ ސަބަބުން މުޖްތަމައުގައި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ ނޭދެވޭ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. އަދި އެއިން މީހަކު މަސައްކަތެއް ކޮށްގެންވެސް އެއްޗެއް ލިބިއްޖެނަމަ އެއެއްޗެއް ހޭދަކުރަން ޖެހެނީ ތިމާގެ ބޭނުންތަކަށާއި ކެއުން ބުއިމާއި އަނބިދަރިންގެ ބޭނުންތަކަށް ހޭދަކުރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ހަށިގަނޑު ނައްތާލުމަށެވެ. އެހެންކަމުން މިއަށްވުރެ ވަކި މޮޔަކަމެއް އޮންނާނެތޯއެވެ. ؟" ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއްކަން ކަށަވަރުކަން ފާހަގަކުރަމުން ބުނެފައިވަނީ މިއަދު އަޅުގަނޑުމެންގެ މުޖްތަމައުގައިވެސް މިވަނީ މި ނުރައްކާތެރި ވަބާ ފެތުރި އާއްމުވެފައިވާއިރު ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ތެރެއިން ގިނަބަޔަކު މިވަނީ މި ވަބާގައިޖެހި، އެބައިމީހުންގެ އުއްމީދުތައް ވެއްޔާ މޮޑެވި މާޔޫސްވެފައި ކަމަށެވެ. މި ވަބާގައި ޖެހިފައިވާ ފަރުދަކު ނުވާ އާއިލާއެއް މިއަދު އަޅުގަނޑުމެންގެ ތެރޭގައި މަދުވާނެ ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އޯވަޑޯޒްވެ މަރުވުމުގެ ސަބަބުން ކުށެއްނެތް އެތައް ކުދިންނެއް އެވަނީ ޔަތީމުވެފައެވެ. އެތައް އަންހެނުންނެއް ވަނީ ހުވަފަތްވެފައިވާކަމަށާއި އެތައް އާއިލާތަކެއްގެ ދިރިއުޅުން ރޫޅި އެތައް ކުދިންނެއް ވަނީ ނިކަމެތިވެފައި ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހަކު، އެކަމުން ސަލާމަތްވާން މަސައްކަތް ކުރަން އުޅުނުކަމުގައި ވިޔަސް މިކަމުގެ ވިޔަފާރީގައި އުޅޭ މީހަކަށް އެކަން އެނގޭ އިރަށް، ކަންބޮޑުވެ އޭނާ އެކަމުން ދުރަށް ދިޔަ ނުދިނުމަށް ކުރެވެން އޮތް މަސައްކަތެއް ކުރެއެވެ. އެހެން ގޮތެއް ނެތްނަމަ އެމީހަކު މަރަންވެސް ފަސް ނުޖެހޭނެއެވެ. އެހެންކަމުން މި ނުރައްކާތެރި ވަބާގައި ޖެހިއްޖެ މީހަކަށް މިއިން ސަލާމަތްވުންވެފައި އޮންނަނީ ވަރަށް ދަތި އަދި އެހާމެ އުނދަގޫ ކަމަކަށްކަން ހުކުރު ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ފާހަގަކޮށްފައިވާގޮތުގައި މަސްތުވާތެކި ބޭނުންކުރުމުން ގެއްލުން ލިބެނީ ތިމާގެ ހަށިގަނޑަށް އެކަންޏެއް ނޫނެވެ. އަދި ކީއްހެއްޔެވެ. ތިމާގެ މުދަލަށާއި ތިމާގެ އާއިލާއަށާއި ތިމާގެ މުޅި މުޖްތަމައަށްވެސް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ފޯރައެވެ. މަސްތުވާތަކެތި ބޭނުންކުރާމީހާ ހަގީގަތުގައި ތިމާގެ ހަށިގަނޑަށް މަޑުމަޑުން އަނިޔާކުރަމުންގޮސް އަމިއްލައަށް މަރުވެގަންނަނީއެވެ. އިސްލާމްދީނުގައި އަމިއްލައަށް މަރުވުން ވަނީ ހަރާމް ކުރައްވާފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމީ ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ މުޅި މުޖްތަމައުގެ ހައްގުގައި ކުރެވޭ ވަރަށްވެސް ބޮޑު އަނިޔާއެއް ކަމަށާއި ވީއިރު މި ސުންޕާ ވަބާއިން ސަލާމަތްވުމަށް، ވަރުގަދަ އަޒުމަކާއެކު ކުރިމަތިލުމަށް ހުކުރު ހުތުބާގައި ބާރު އަޅާފައިވެއެވެ. އަދި މި ވަބާ އަޅުގަނޑުމެންގެ މުޖްތަމައުން ފުހެލުމަށްޓަކައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވުމަށާއި ރަހްމަތްތެރިންނަކީ ތިމާއަށް ހެޔޮ ނަސޭހަތް ދޭ މީހުންނެވެ. އެހެންކަމުން ހަމަ ކޮންމެ މީހަކީ ރަހްމަތްތެރިއަކު ކަމުގައި ނުބެލުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް