ދުނިޔޭގެ އެންމެ މޮޅު އެއް ކުލަބު ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަޤީޤަތަކަށް ވެއްޖެ ކަމަށް އާސެނަލް ދޫކޮށް ބާސެލޯނާއާއި ގުޅުނު ގޭބަން ފޯވާޑް އެމެރިކް އޮބަމަޔަން ބުނެފިއެވެ.
ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ބާސާގެ ޖާޒީގައި މިއަދު ރަސްމީކޮށް އޮބަމަޔަން ދައްކާލުމަށް ކޭމްޕްނޯގައި ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަމުން އޮބަމަޔަން ބުނީ އޭނާ ބާސާއަށް ކުޅުމަކީ އޭނާ ކުރިންވެސް ދެކެމުން އައި ބޮޑު ހުވަފެނެއް ކަމަށާއި އެ ހުވަފެން މިއަދު ހަޤީޤަތަކަށް ވުމުން ވަރަށް އުފާކުރާކަމަށެވެ. އަދި ބާސާއަށް ކާމިޔާބީތައް ހާސިލް ކުރުމުގައި ވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވެދޭނެ ކަމަށާއި ބޭނުމީ ބާސާއާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށް އޭނާ ބުންޏެވެ.
" ބާސާގެ ޖާޒީގައި ކުޅެލުމަކީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފަނެއް. މިއަދު އެކަން ހާސިލް ވެއްޖެ. ވަރަށް އުފާވެފަ މިހުރީ. ބާސާ އަކީ ދުނިޔޭގެ އެންމެ ބޮޅު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބެއް. މި ކުލަބަށް ކާމިޔާބީތައް ހޯދައި ދިނުމުގައި ވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވެ ދޭނަން." އޮބަމަޔަން ބުންޏެވެ.
މީގެ އިތުރުން އޮބަމަޔަން ބުނީ އޭނާ ބާސާއަށް ގެނައުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ ބާސާގެ ރައީސް ކަމަށާއި އެހެން ކަމުން ބާސާގެ ރައީސަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
އޮބަމަޔަން ބާސާއަށް ބަދަލުވީ އާސެނަލުން އޭނާގެ ކޮންޓްރެކްޓް އުވާލުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
އުމުރުން 32 އަހަރުގެ އޮބަމަޔަންގެ އެއްބަސްވުން އާސެނަލުން އުވާލީ އޭނާ އެ ޓީމާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވަން ބާކި 18 މަސް ދުވަސް އޮއްވައެވެ. އޭނާގެ އެއްބަަސްވުން އާސެނަލުން އުވާލީ އަޙުލާގީ މައްސަލަތަކެއްގައި ކެޕްޓަން ބޭންޑް ވެސް އަތުލައި ގިނަ ދުވަސްތަކެއް ވަންދެން އެކަހެރި ކޮށް ބެހެއްޓުމަށް ފަހުގައެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 2018 ވަނަ އަހަރު އާސެނަލް އާއި ގުޅުނު އޮބަމަޔަން ވަނީ މިހާތަނަށް އާސެނަލަށް ކުޅެދިން 163 މެޗުގައި 92 ލަނޑު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް