ހަނދާންކުރާށެވެ. ތިބާގެ ގާތު މީހުންގެ ވާހަކަ ދައްކާމީހާ، އެހެން މީހުންގެ ގާތު ތިބާގެ ވާހަކަވެސް ދައްކާނެއެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، ޣީބަބުނުމާއި ނެތިމޮށުން ނުވަތަ ދޭތެރެޖެއްސުމަކީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ވަރަށް އާންމު ކަމެކެވެ. މި ނުބައި ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުވަނީ ފިތ...

03 Feb 2022 | 16:14

މިއަދުގެ ހާލަތަށް ބަލާއިރު، ޣީބަބުނުމާއި ނެތިމޮށުން ނުވަތަ ދޭތެރެޖެއްސުމަކީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ވަރަށް އާންމު ކަމެކެވެ. މި ނުބައި ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުވަނީ ފިތުނަ ފަސާދައިގެ ހާއްޔަކަށްވެފައެވެ.

ޝައްކެއްވެސް ނެތެވެ. ޣީބަ ބުނުމާއި ނެތިމޮށުން ނުވަތަ އެއްކެއްގެ ވާހަކަ އަނެކެއްގެ ގާތު ދެއްކުމަކީ މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދެން ދިމާވާ އެންމެ ބޮޑު ސަބަބެވެ. މީހުންގެ މެދުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެދުމުގެ މައިގަނޑު އަސްލެވެ.

މިއަދު އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ހާލަތަށް ބަލާއިރު، ދެމީހަކު އެއްތަން ވެއްޖެ ނަމަ އަބަދުވެސް ދައްކާނީ ކޮންމެވެސް މީހެއްގެ ގޯސްވާހަކައެވެ. ނުވަތަ އަނެކާގެ ނުބައި ވާހަކައެވެ. މިއީ އެއްވެސް މީހަކަށް ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. އަތިރިމަތީ ޖޯލިފަތިތަކުގައާއި ހޮޅުއަށިތަކުގައި ނުވަތަ ގޭ ދޮރުމަތީ ގޮނޑިބަރި ޖަހައިގެން ތިބެ އާންމުކޮށް ކުރާކަމަކީ މިއީއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިފަދަ މީހުންނާއި ނުބެހޭ އެއްވެސް ކަމެއް ދުނިޔެމަތީ ނުހނގާނެއޭ ބުނުމަކީ ގޮދަކަށް ނުވާނެއެވެ. މިފަދަ މައިދާންތަކުގައި ތިބޭ މިފަދަ މީހުން ބޯމަތިން ކާޅެއް އުދުހިފަ ދިޔަޔަސް ނުވަތަ މަގުމަތިން މީހަކު ކުރި ކަނޑާލިޔަސް އެމީހަކަށް ފާޑުކިޔާ އެއްޗިސް ކިޔާނެއެވެ.

ބައެއް މީހުންގެ ނަޒަރުގައި މިފަދަ ވާހަކަތައް ދެއްކުމަކީ ލިބޭ ވަރަށް ބޮޑު ހިންހަމަ ޖެހުމެކެވެ. ލިބޭ ބޮޑު އުފަލެކެވެ. މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އުފެދިދާނެ ފިތުނައަކަށް ނުވަތަ ރުލިވެރިކަމާއި ދެކޮޅުވެރި ކަމަކަށް ވިސްނާލުމެއް ނުހުރެއެވެ. މިކަމުން ލިބޭ ބޮޑު އުފަލަށްޓަކައި ޣީބަ ބުނުމާއި ނެތިމޮށި ހަދަނީއެވެ.

ދަންނަން ޖެހޭ ހަޤީޤަތަކީ މިފަދަ މީހުން ތިމާގެ ކައިރީގައި އަނެކާގެ ގޯސް ވާހަކަތައް ދައްކާއިރު، ހަމަ އެ ގޮތަށް އަނެކާ ކައިރީގައި ތިބާގެ ގޯސްވާހަކަވެސް ދައްކާނެ ކަމެކެވެ. މިއީ ދެބަސްވެވެން ނެތް ބޮޑު ހަޤީޤަތެކެވެ. މިހުންނަނީ މިހާރުވެސް އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ހިނގަމުން އަންނަ ކަންކަމެވެ.

މިފަދަ މީހުންނަށް ހަމަަ ނުއެނގެނީބާވައެވެ. އެކަންކަމުގެ ސަބަބުން ކުރެވޭ ފާފަތައް އިތުރުވެ ދުނިޔޭގައި ހުރިއިރު ކުރެވުނު ހެޔޮއަމަލުކޮޅުން އަނެކާއަށް ބަދަލުދޭން ޖެހި ނަރަކައަށް ވަންނަން ޖެހިދާނެކަން ހަމަ ނުއެނގެނީ ހެއްޔެވެ؟

މީސްތަކުންނޭވެ! ނެތިމޮށުމާއި ޣީބަ ބުނުން ފަދަ ކަންކަމަކީ ހަމަ އެންމެ ނުބައި ފާފަތަކެވެ. އެކަންކަމުގެ ސަބަބުން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވި ޤިޔާމަތް ދުވަހު ބަދަލު ދޭން ޖެހޭނެ ފާފަތަކެވެ. އެމީހެއްގެ ނަފްސް ނަރަކައިން ސަލާމަތްކުރުމަކީ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. ވީމާ ޝައިޠޯނާގެ މަޅީގައި ޖެހި ތިމާގެ ދުލުގެ ނުބައިކަމުން ނަރަކައަށް ވަންނަން ޖެހޭ މީހަކަށްނުވާށެވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް