މިސަރުކާރުގައި ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްގީ ވެގެންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކޮމަންޑޫގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިންގައި ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ސަރުކާރަށް އެހީތެރިކަން ފަސޭހައިން ފޯރުކޮށްދެވޭނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެފުރުސަތު ފަހިކޮށްދީގެން ކަމަށާއި އެފުރުސަތު ފަހިކޮށްނުދީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް އިންތިޚާބުކޮށްފިނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ކޮމަންޑޫ ދާއިރާގެ ކުރިއެރުމަށް މިގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކޮމަންޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
މުޅި ރާއްޖޭގެ ތަރައްގީއާއި ދާއިރާގެ ތަރައްގީއަށް ވިސްނައި ރަނގަޅު ގޮތް ނިންމުމަށް ގާސިމް ގޮވާލައްވާފައިވާ އިރު، ޤާސިމް ވަނީ މިއިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ރައްޔިތުން ތަރައްގީއާ ކުރިއެރުން ބޭނުންވާނަމަ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ.
"ކޮމަންޑޫއަށް މިއަދު ލިބެންހުރި ކަންކަމާއި، ކުރަމުންދާ ކަންކަމަށް ބަލާއިރު ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިއިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބް ކޮށްދިނުމަކީ ވާޖިބު ކަމެއް." ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް