ގްރީންވުޑަށް އިންގްލެންޑް ގައުމީޓީމުން ވެސް ފުރުސަތެއް ނެތް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މޭސަން ގްރީންވުޑަށް އިނގިރޭސި ގައުމީޓީމުން ވެސް ޖާގައެއް ނެތް ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ސައުތްގޭޓް ބުނެފިއެވެ. ލޯބިވެރިޔާ ހެރިއެޓް ރޮ...

03 Feb 2022 | 13:23

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މޭސަން ގްރީންވުޑަށް އިނގިރޭސި ގައުމީޓީމުން ވެސް ޖާގައެއް ނެތް ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ސައުތްގޭޓް ބުނެފިއެވެ.

ލޯބިވެރިޔާ ހެރިއެޓް ރޮބިންސަންއަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ގްރީންވުޑަށްހައްޔަރު ކުރި ނަމަވެސް ކަފާލާތުގެ ދަށުން އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިޔަށްދާއިރު، އިނގިރޭސި ގައުމީޓީމުގެ ކޯޗު ދައުތްގޭޓް ބުނީ ގްރީންވުޑްގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގައުމީޓީމުން ގްރީންވުޑް އެކަހެރިކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ނިމި ވަކި ގޮތަކަށް ހުކުމް ކުރުމަށް ފަހުގައި ނޫނީ ގައުމީޓީމުގެ އެއްވެސް ހަރަކާތެއްގައި ގްރީންވުޑަށް ބައިވެރި ނުވެނޭނޭ ކަމަށާއި އެކަން މިހާރު ވާނީ އޭނާއަށް އަންގާފައި ކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

" ގްރީންވުޑް އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ. އެމައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިޔަށް އެބަދޭ. މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގްރީންވުޑް އަށް އިނގިރޭސި ގައުމީ ޓީމުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ. އެކަން ވާނީ އޭނާއަށް އަންގާފަ." ސައުތްގޭޓް ބުންޏެވެ.

އިނގިރޭސި ގައުމީޓީމުގެ އިތުރުން އޭނާގެ ކުލަބު ޔުަނއިޓެޑުން ވެސް ވަނީ ގްރީންވުޑްގެ ގެވެށި އަނިޔާގެ މައްސަލައާއި ގުޅިގެން ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޔުނައިޓެޑްގެ ހުރިހާ ހަރަކާތަކުންވެސް އޭނާ އެކަހެރިކޮށްފައި ވާއިރު، ނައިކީން ވެސް ވަނީ ގްރީންވުޑާ އެކު އޮތް ސްޕޮންސަޝިޕް އެއްބަސްވުން ވަގުތީ ގޮތުން މެދު ކަނޑާލައިފައެވެ. އަދި ފީފާ 22 ވީޑިއޯ ގޭމްގެ އެކްޓިވް ސްކޮޑުން ވެސް ގްރީންވުޑް ވަނީ ވަކިކޮށްފައެވެ.

ލޯބިވެރިޔާ އަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވެ ގްރީންވުޑް ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު އިންސްޓަގްރާމުގައި އޭނާގެ ލޯބިވެރިޔާ އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯތަކަކާއި އޯޑިއޯއެއް އާންމުކުރުމާއި ގުޅިގެންނެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ގްރީންވުޑްގެ ލޯބިވެރިޔާ ހެރިއަޓްގެ އަނގަމަތި ފަޅައިގެން ގޮސް ލޭ އަންނަ މަންޒަރާއި ފައިގެ ފަލަމަސް ގަނޑަށް ލިބިފައިވާ ޒަޙަމްތައް ފެންނަން ހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް