ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއެކު ކުރަމުން އަންނަ މަސައްކަތަކީ، އަންނަން އޮތް ޖީލަށް ދިވެހިރާއްޖެ ހޯދައިދިނުމުގެ މަސައްކަތް ކަމަށް ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނު ހަރަކާތުގެ ތެރެއިން މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
އެމްޑީޕީގެ ފަލްސަފާއަކީ އަމިއްލަ ހަލާލު މަސައްކަތުން އަނބިދަރީން ބަލަހައްޓާ ފަހުރުވެރި ދިވެއްސެއް އުފެއްދުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަލްސަފާއަކީ، ވެރިންނަށް ރައްޔިތު މީހާ ބިރުގަންނަން ޖެހޭ ފަލްސަފާ އެއް ކަމުގައި ފާހަގަކުރައްވާ އެ ފަލްސަފާ ދޫކޮށްލީ އެމްޑީޕީން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮމަންޑޫ ދާއިރާގެ އިންތިހާބަކީ ރައްޔިތުން ބޭނުންވާ މިސްރާބު ސާފުވުމަށް މުހިންމު އިންތިހާބެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވަނީ ހުދުމުހުތާރުކަންތޯ ނުވަތަ ހަލާލު މަސައްކަތްކޮށްގެން ހަރަދުބަރަދު ބެލެހެއްޓޭ ދިރިއުޅުމެއްތޯ ސާފުވާން ޖެހޭ ކަމުގައި ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިޙާއި ޤާސިމާއި ޝައިހް އިމްރާނާއި އެމަނިކުފާނު ރައްޔިތުންގެ ގާތަށް އައީ، އަންނާން އޮތް ޖީލަށް، ދަރީންގެ ދަރީންނަށް މި ރާއްޖެ ހޯދައިދިނުމަށް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް