ރިޔާސީ ބަޔާނަކީ ގައުމުގެ ތަރައްގީއަށް އުންމީދުތަކެއް ގެނެވުނު ބަޔާނެއް: ސިޔާސީ ވެރިން

މި އަހަރު ރައްޔިތުން މަޖިލިސް ހުޅުވަން ބޭއްވުނު ޖަލްސާ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވި ރިޔާސީ ބަޔާނަކީ ގައުމުގެ ތަރައްގީގެ ތަސައްވަރަށް އުންމީދުތަކެއް ގެނުވުނު ބަޔާނެއް ކަމަށް ރާއްޖޭގެ...

03 Feb 2022 | 11:22

މި އަހަރު ރައްޔިތުން މަޖިލިސް ހުޅުވަން ބޭއްވުނު ޖަލްސާ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވި ރިޔާސީ ބަޔާނަކީ ގައުމުގެ ތަރައްގީގެ ތަސައްވަރަށް އުންމީދުތަކެއް ގެނުވުނު ބަޔާނެއް ކަމަށް ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ވިދާޅުވެއްޖެއެވެ.

ރައީސްގެ ބަޔާނަށް ތައުރީފުކުރައްވާ ކޯލިޝަންގެ ލީޑަރުން ވަނީ ޓްވީޓް ކުރައްވާފައެވެ.

އެގޮތުން އެމްއާރްއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނެއެވެ.

މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިބަޔާނަކީ ޤައުމުގެ ކުރިއެރުމާއި، ތަރައްޤީއަށް އުންމީދުތަކެއް ގެނުވި ފުރިހަމަ ބަޔާނެއްކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދޭނެ އުންމީދީ ވާހަކަތަކެއް އެކުލެވޭ ބަޔާނެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އިމްރާން  ވިދާޅުވީ، ރިޔާސީ ބަޔާނުން ކަށަވަރުވިކަމަކީ ރައީސުލްޖުމްހޫރިއްޔާ އަކީ ކިތަންމެ ދަތި ޙާލަތެއްގައިވެސް ޤައުމާއެކު ކުރިއަށްދެވޭނެ ޤާބިލުކަންހުރި ލީޑަރެއްކަމުގައެވެ. އަދި ރައީސް ހުށަހެޅުއްވި ކަންކަމުން ޤައުމުގެ ކުރިއެރުން އާރާސްތުކޮށް، ޤައުމު ބިނާކުރުމަށް އުންމީދު ތަސައްވަރެއް ރައީސްގެ ބަޔާނުން ހާމަވެގެން ގޮސްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ގެ ބަޔާނަށް ގިނަ ތައުރީފްތަކެއް ލިބުނު ނަމަވެސް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، މިއަދު އިއްވެވި ރިޔާސީ ބަޔާނުން އެނގުނީ ރައީސް ސޯލިހު ހުންނެވީ ވާނުވާގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ޓެކްނޮޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، ރައީސްގެ ބަޔާނަށް ފާދުވިދާޅުވެ ބުނެފައިވަނީ ހިލޭ އެހީގެ ދަށުން ފުރަތަމަ ޑިގްރީ ނަންގަވަން ޖެހޭނީ ރައީސް ސޯލިހް ކަމަށެވެ. އަދި މާލޭ މޭޔަރު ވަނީ ރައީސްގެ ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް