ރައީސްގެ ރިޔާސީ ބަޔާނުގައި ފެހެންދޫ އާސިފާއާއި ދިއްދޫ އަހްމަދު ރަޝީދާއި ނިމާލްގެ ދެމަފިރިންގެ ވާހަކަ !

ރައްޔިތުންގެ މަޖިލީހުގެ ތަޅުން، މި އަހަރަށް ހުޅުއްވައިދެއްވައި، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވީ އުންމީދުން ފުރިގެންވާ ވާހަކަފުޅު ތަކެކެވެ. ނެންގެވީ ލާމަސީލު މިސާލުތަކ...

03 Feb 2022 | 08:27

ރައްޔިތުންގެ މަޖިލީހުގެ ތަޅުން، މި އަހަރަށް ހުޅުއްވައިދެއްވައި، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވީ އުންމީދުން ފުރިގެންވާ ވާހަކަފުޅު ތަކެކެވެ. ނެންގެވީ ލާމަސީލު މިސާލުތަކަކެވެ. އާ އެ ކޮށްދެއްވީ ބޮޑެތި އުންމީދުތަކެކެވެ.

56 މިނެޓު ހޭދަކުރައްވައި 4436 ލަފްޒުން މިއަދު އިއްވެވި 54 ވަނަ ރިޔާސީ ބަޔާނުގައި އެއްކަމެއް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. އެއީ އާއްމު ރައްޔިތު މީހާއާއި ހަމައިން މިސާލު ނެންގެވި ނެންގެވުމެވެ. ސަރުކާރުގެ ސިޔާސަތުތަކާއެކު އާއްމު ރައްޔިތު މީހާގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލު ރައީސް ސޯލިހް ބުނެދެއްވީ ތިން މިސާލަކުންނެވެ.

އެއް މިސާލަކަށް ނެންގެވީ ބ. ފެހެންދޫ އައިމިނަތު އާސިފާގެ ދަރިން 12 އަހަރު ވަންދެން ބ. ގޮއިދޫ ސްކޫލަށް ކުރި ބުރަ ދަތުރު ނިމުމަކަށް ގެނެވުމުގެ މިސާލުންނެވެ.

"ކުޑަ ރަށެއްގެ ދަރިވަރަކަށްވުމަކީ ހަމަހަމަ ފުރުސަތުން މަހްރޫމް ވާންޖެހޭ ސަބަބެއް ނޫން. ބ. ފެހެންދޫ އަދި ވ. ތިނަދޫގެ ދަރިވަރުންނަށް ސެޓަލައިޓް ސްކޫލުގެ ހިދުމަތް މުޅިން އަލަށް މިއަހަރު ލިބެން ފަށައިފި" ރައީސް ފާހަގަކުރެއްވިއެވެެ.

ދެވަަނ މިސާލަކަށް ނެންގެވީ މިދިޔަމަހުން ފެށިގެން ތައާރަފްވެގެންދިޔަ މިނިވަން ވޭޖްގެ މިސާލެކެވެ.

"ހއ. ދިއްދޫ އަހްމަދު ރަޝީދަކީ އާއިލާއާ މާދުރުގާ މެދުރާއްޖެތެރޭގެ ރިސޯޓެއްގާ މަސައްކަތްކުރާ މުވައްޒަފެއް، ކުރިން ލިބުނީ އެންމެ ގިނަވެގެން މަހަކަށް 5600 ރުފިޔާ، މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއެކު 8000 ރުފިޔާ މިހާރު އަސާސީ މުސާރައަށް ލިބޭ" ރައީސް ސޯލިހް ވިދާޅުވިއެވެ.

މި މިސާލައިގެން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސާވިސް ޗާޖާއެކު މިދިޔަ ޖެނުއަރީ މަހު 55 ހާހަށްވުރެ ގިނަ ރުފިޔާ އޭނާ ގެއަށް ގެންދަން ލިބުނު ކަމަަށެވެ.

ތިންވަނަ މިސާލެއްގެ ގޮތުގައި ރައީސް ނެންގެވީ އެސްއެމްއީ ބޭންކުގެ ޒަރީއާއިން ޒުވާން ދެމަފިރިއަކު ދިރިއުޅުމުގައި ހޯދި ކާމިޔާބީގެ މިސާލެވެ.

އެގޮތުން ރައީސް ވިދާޅުވީ ޒުވާން ދެމަފިރިން ކަމުގައިވާ އައިޝަތު ދީނާ އާއި ހުސެއިން ނިމާލްގެ ހުވަފެން، އެސްއެމްއީ ބޭންކުން  ހަދައިދިންގޮތް އެއީ މިސާލެއް ކަމަށެވެ.

"އެ ދެ ޒުވާނުން ބޭނުންވީ ތިމާވެއްޓާ ރައްޓެހި ސަންކެއަރގެ ބްރޭންޑެއް އުފައްދަން، "މުލަ" ގެ ނަމުގާ އުފައްދާ ތެރަޕިއުޓިކް މި އުފެއްދުން ސަޓިފައިކޮށްފައިވަނީ ކަމާބެހޭ އޮސްޓްރޭލިއާގެ ރަސްމީ އިދާރާއިން" ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހްގެ މި ރިޔާސީ ބަޔާނުގައި އުންމީދުން ފުރިގެންވާ އެތައް ވާހަކަފުޅެއް ދެއްކެވި އިރު އެމަނިކުފާނު ރިޔާސީ ބަޔާން ފައްޓަވަމުން ވިދާޅުވީ މި ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރިކަމުގެ އާ ޖީލެއް ބިނާކުރުން ކަމުގައެވެ.

އެކަށީގެންވާ ތައުލީމާ ތަރުބިއްޔަތުގެ ފުރުސަތު ފަހިވެފައި އޮތުމާއި އިންސާނީ ވަސީލަތް ފައްކާވެފައި އޮތުމާއި އަރާ އަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް ގައުމަަކަށް ނޯންނާނެކަން ރައީސް ފާހަަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް