އަފްގާނިސްތާނުގެ ސަރުކާރުން އެކި ޕްރޮވިންސްތަކުގައި ހިންގާޔުނިވާސިޓީތައް ހުޅުވައި އަލުން ކިޔަވައިދޭން ފަށައިފި އެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ތޯލިބާނުން އެ ގައުމުގެ ވެރިކަން ގަދަބާރުން ހޯދި ފަހުން ސަރުކާރު ޔުނިވާސިޓީތައް ހުޅުވި ފުރަތަމަ ފަހަރެވެ. ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމުގެ ހުއްދަ ދިން ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކިޔަވައިދޭން ފަށާފައިވަނީ އަމިއްލަ ކޮލެޖު ޔުނިވާސިޓީތަކުގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަފްގާނިސްތާނުގެ ބޮޑެތި ޕްރޮވިންސްައް ކަމަށްވާ ކަންދަހާރު، ލަގްމަން، ނަންގަހާރު، ނިމްރޯޒު އަދި ފަރާހް އާއި ހެލްމަންޑް ޕްރޮވިންސްގެ ސަރުކާރު ޔުނިވާސިޓީތައް އަލުން ވަނީ ހުޅުވާފަ އެވެ. އަދި ތައުލީމް ހާސިލް ކުރުމަށް އަންހެން ކުދިންނަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ތޯލިބާނުން ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފުރުސަތު އޮތް ނަމަވެސް ޔުނިވާސިޓީތަކަށް ހާޒިރުވަނީ ވަރަށް މަދު އަންހެން ދަރިވަރުންނެވެ. ކްލާސްތަކަށް ހާޒިރުވާ އަންހެން ދަރިވަރުން ވަނީ އެމީހުންނަށް ޔުނިވާސިތީތަކަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމުން އުފަލުން ފުރިފައިވާ ކަމަށް ބުނެފަ އެވެ.
އެކަމަކު ތޯލިބާނުން ވެރިކަމަށް އެރުމާއި އެކު އެތައް ހާސް އަންހެން ދަރިވަރުންނާއި ޓީޗަރުން ގައުމު ދޫކޮށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭތީ އަންހެން ޓީޗަރުންގެ ދަތިކަން ޔުނިވާސިޓީތަކަށް ވަނީ ކުރިމަތިވެފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސަރުކާރު ޔުނިވާސިޓީއެއްގައި 270 އަންހެން ދަރިވަރުންނަށް ކިޔަވައިދޭން ހުރީ އެންމެ އަންހެން ލެކްޗަރާއެކެވެ.
މިފަދަ މައްސަލަތަކާއި ގުޅިގެން އަންހެން ކުދިންނަށް ކުރިން މަތީ ތައުލީމު ހާސިލް ކުރުމުގައި އޮތް ފަހި ފުރުސަތު އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވެ އެވެ. އަދި ކޮންމެ ވަގުތެއްގައިވެސް އަންހެން ކުދިންނަށް ކިޔަވަދިއުން ތޯލިބާނުން މަނާކޮށްފާނެ ކަމަށް ގަބޫލު ކުރެ އެވެ.
ޔުނިވާސިޓީއަށް ހާޒިރުވެގެން ކިޔަވަން ފުރުސަތު ދީފައިވަނީ ކްލާހުގައި ޕާޓިޝަން ނުވަތަ ފަރުދާ ޖަހައި އަންހެން އަދި ފިރިހެން ދަރިވަރުން ވަކިކޮށްގެން ބޭތިއްބުމުގެ އިތުރުން ހެދުން އެޅުމުގައި މޫނާއި އެކު ނިވާކޮށްގެން ތިބޭގޮތަށެވެ. އަމިއްލަ ޔުނިވާސިޓީތަކުގައި މި އުސޫލަށް ދަނީ އަމަލު ކުރަމުންނެވެ.
ސަރުކާރު ޔުނިވާސިޓީތަކަށް އަންހެން ދަރިވަރުން ހާޒިރުވާން ހުއްދަ ދިން ނަމަވެސް ޕްރައިމަރީ އާއި ސެކަންޑްރީ ސްކޫލްތަކަށް އަންހެން ދަރިވަރުންނާއި އަންހެން ޓީޗަރުން ހާޒިރުވުން އޮތީ މަނާކޮށްފަ އެވެ. އަމިއްލަ ސްކޫލަކަށްވެސް އަންހެން ކުދިންނަށް ކިޔަވާކަށް ނުދެވެ އެވެ.
ތޯލިބާނުން ބުނީ ސްކޫލްތަކަށް އަންހެން ދަރިވަރުން ހާޒިރު ކުރެވޭނީ އެކަމަށް ހާއްސަ އުސޫލުތަކެއް ސަރުކާރުން އެކުލަވާލުމަށް ފަހު އާންމު ކުރުމުން ކަމަށެވެ.
ޔުނިވާސިޓީތައް އަލުން ހުޅުވާފައި މިވަނީ މި ހަފްތާ ތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތަކަކުގެ ވަފުދުތަކަކާއި އެކު ތޯލިބާނުން ބޭއްވި ބައްދަލުވުންތަކެއްގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ޑިމާންޑުކޮށްފައި ވަނިކޮށެވެ.
ޔޫރަޕާއި އެމެރިކާއިން ދަނީ އެމީހުންގެ ޑިމާންޑުތަކަށް ތޯލިބާނުން އިޖާބަ ނުދޭނަމަ އިންސާނީ އެހީ އެ ގައުމަށް ފޯރުނުކޮށްދޭނެ ކަމަށް ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް