ކުރީ ސަރުކާރާއި އިންޑިއާއިން ނެގި ލޯނުތަކުން 697 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން ދެއްވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަގާފައިވާ 447 މިލިއަން ޑޮލަރުގެ ދަރަންޏާއި ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީގެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތެއް ހިނގަނީ ލޯނުތައް ވެސް ނަގައިގެން ކަމަށާއި އެއާ ގުޅިގެން ހޯދަން ޖެހޭ އެއްޗެއް ހޯދުމާ، ދައްކަން ޖެހޭ އެއްޗެއް ދެއްކުމުގެ އިގްތިސޯދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމި ތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށެވެ.
ރައީސް ވިދާޅުވީ ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މި އަހަރު އަޅަން ފަށާނެ ކަމަށެވެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ ކަމަށާއި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 791.2 މިލިއަން ޑޮލަރު އެބަހުރި ކަމަށް ވިދާޅުވި އެވެ.
2020 ވަނަ އަހަރު އެހެން އަހަރުތަކާ އަޅާބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 ޕަސެންޓު ދަށްވި ކަމަށާއި އެ އަހަރު އަވަސް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅި ނަމަ އާންމުންގެ ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 31.6 އާއި 38.5 ޕަސެންޓާ ދެމެދުގައި ކަމަށެވެ. މިއީ ވޯލްޑް ބޭންކާ އައި.އެމް.އެފް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މިއަހަރު މުޅި ދުނިޔޭގައި އެންމެ ބާރަށް ކުރިއަރާނެ ފަސް އިގްތިސޯދުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ ކަމަށެވެ. އެހެންވެ ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދުމާ އެކު 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެނައުމަށް ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް