މަތީ ތައުލީމު ހާސިލް ކުރުމަށް މިއަހަރު ތެރޭގައި 720 ނޯލު ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެވެ.
ރައީސް މިއަދު ވިދާޅުވީ، ރާއްޖޭން ބޭރުން ތައުލީމު ހާސިލު ކުރުމަށް ބޭނުންނާ 1،500 އަށްވުރެ ގިނަ ދަރުވަރުންނަށް މިދިޔަ އަހަރުގެ ނިޔަލަށް ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި ނުކުޅެދުންތެރިކަން ހުރި މީހުންނަށް އިސްކަން ދިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި އަހަރު އެ ސްކީމްގެ ދަށުން އިތުރު 720 ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާާތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ، މިހާރުވެސް ޑޮކްޓަރުން އިތުރުކުރުމަށް 124 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.
އަދި 1،150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމެއްގެ ދަށުން އައި.ސީ.ޓީ އަދި އެކައުންޓިން ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް މި މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12،730 ދަރިވަރަކަށް ފުރުސަތު ހޯދައިދެވިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ޕްރޮގްރާމްގެ ތެރެއިން 2،127 ދަރިވަރުން މިހާރު ޑިގްރީ ފުރިހަމަކޮށްފައިވާއިރު، 2023ގެ ނިޔަލަށް 5،000 އަށްވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީ ހަދައިގެން މަސައްކަތަށް ނުކުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އޭގެ ފަހު ކޮންމެ އަހަރަކު 2،000 ކުދިން ޑިގްރީ ހަދައިގެން މަސައްކަތަށް ނުކުންނާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް