އެފްރިކަން ކަޕް : ބުރްކިނާ ފަސޯ ބަލިކޮށް ސެނެގޯލް ފައިނަލަށް

ކެމަރޫންގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސެނެގޯލް ދަތުރުކޮށްފިއެވެ. ސެނެގޯލް ފައިނަލަށް ދަތުރުކުރީ ރޭ ބުރްކިނާ ފަސޯ އާއި ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ...

03 Feb 2022 | 02:55

ކެމަރޫންގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ސެނެގޯލް ދަތުރުކޮށްފިއެވެ.

ސެނެގޯލް ފައިނަލަށް ދަތުރުކުރީ ރޭ ބުރްކިނާ ފަސޯ އާއި ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.

މިއީ ސެނެގޯލް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިން ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ 2002 ވަނަ އަހަރުގައެވެ. އެ ފަހަރު އެޓީމު ފައިނަލުން ބަލިވީ ކެމަރޫން އަތުންނެވެ. ދެވަނަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އެފަހަރު ގެ ފައިނަލުން އެޓީމު ބަލިވީ އަލްޖީރިއާ އަތުންނެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލަށް ސެނެގޯލް ދަތުރުކުރިިރު، އެޓީމު މި މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ސެނެގޯލަށް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑު ނެގީ ސެނެގޯލުންނެވެ. ކަލޫބަލީގެ އެހީތެރި ކަމާއި އެކު މި ލަނޑު ސެނެގޯލަށް ކާމިޔާބު ކޮށްދިނީ ޑިއާލޯއެވެ. އޭގެ ހަ މިނެޓު ފަހުން އެޓީމުން ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާނޭގެ އެހީތެރިކަމާއި އެކު ގުއޭޔޭއެވެ.

ސެނެގޯލުގެ ދެވަނަ ލަނޑު ޖެހިތާ ހަވަރަށް މިނެޓު ފަހުން ބުރްކިނާ ފަސޯއިން އިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ބުރްކިނާ އަށް ކާމިޔާބު ކޮށްދިނީ ޓޯރޭއެވެ. އޭގެ ހަތަރު މިނެޓު ފަހުން އަނެއްކާ ވެސް ނެގެގޯލުން އެޓީމުގެ ތިންވަނަ ލަނޑު ޖަހާ އިތުރަށް ލީޑު ފުޅާކުރިއެވެ. ސެނެގޯލުން ކާމިޔާބު ކުރި ތިންވަނަ ލަނޑު ޖަހައިދިނީ މާނޭއެވެ.

ރޭގެ މެޗުން މޮޅުވެ ދެނެގޯލް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، އެޓީމު ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގިގެން ދާނީ މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗަށް ފަހުގައެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މިސްރާއި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ކެމަރޫންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް