މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި އަލަށް ހަދާފައިވާ ސަހަރާގައި ވަޅުލާން ފަށައިފި އެވެ.
މައްޔިތާ ހުޅުމާލެއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާ އިންތިޒާމްތަކާއި އެއްގޮތަށް މިރޭ އިރުއޮއްސޭހާއިރު ފުރަތަމަ މައްޔިތާ ގެންގޮސް ކަށުކަމާ ކެމީގެ ކަންކަން ނިންމުމަށް ފަހު ވަޅުލީ 10 ޖަހާ ހާއިރު އެވެ. އެންމެ ފުރަތަމަ ވަޅުލީ އުމުރުން 69 އަހަރުގެ ފިރިހެނެކެވެ.
މައްޔިތާ އުފުލުމަށް ހާއްސަ ފެރީ ކައިރިއަށް މައްޔިތާ ގެންދިޔައީ އޭޑީކޭގެ އެމްބިއުލާންސްގައި އެވެ. ފެރީގައި ހުޅުމާލެއަށް މައްޔިތާގެ އާއިލާގެ ގިނަ މީހުން ދިޔަ އިރު މައްޔިތާ ހުޅުމާލޭ ސަހަރާއަށް ގެންދިޔައީ ރެޑްކްރެސެންޓުގެ އެމްބިއުލާންސްގައި އެވެ. އާއިލާ ގެންދިޔައީ އެމްޓީސީސީގެ ބަހެއްގައި އެވެ.
ވިލިމާލޭގައި މަރުވާ މީހުންވެސް ގެންދެވޭނީ ސީދާ ވިލިމާލެއިން މި އިންތިޒާމްގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ހުޅުމާލޭ ސަހަރާގައި ހަތަރު ހިނަވާގެ ހުރެ އެވެ. އަދި އާންމުން މަޑޮކޮށްލައިގެން ތިބެންވެސް ތަނެއް ހުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރަށް ފަސް ނާޅާ ކުރިޔަށް އޮތް ހަ އަހަރު އެ ސަހަރާގައި މީހުން ވަޅުލެވޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މައްޔިތާ އާއި އެކު 60 މީހުންނަށް ފެރީގައި ހުޅުމާލެއަށް ދެވޭނެ ކަމަށެވެ. އަދި ދެން ދާން ބޭނުންވާ މީހުން ދާންޖެހޭނީ އާންމު ފެރީގައި އަމިއްލަ ހަރަދުގައި ކަމަށެވެ.
އާސަހަރާގައި މީހުން ވަޅުލުން ބަންދުވިޔަސް އާސަހަރާ މިސްކިތް ހުޅުވާފައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި އަލަށް އުފަންވާ ކުދިންގެ މަސް ނައްތާލުން ކުރިޔަށް ގެންދާނީ ދެން ގަލޮޅު ސަހަރާގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް