ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ހަތަރެސްފައި ބަނދެފަ ވާދަ ކުރިޔަސް ވެރިކަން ކުރާ ޕީޕީއެމް އިންތިހާބުން ބަލިކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވަން ސަރުކާރަށް ނުކެރިގެން އުޅޭ ކަމަށެވެ. އަދި ނުކެރިގެން އުޅެނީ އެ ޕާޓީގެ ހަތަރެސްފައި ބަނދެފައި އިންތިހާބު ބޭއްވިޔަސް އިންތިހާބުން ބަލިވާނެކަން ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެންނަވާތީ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން އެމަނިކުފާނަށް ވަރަށް ސާފުކޮށް އެނގިވަޑައިގެންނަވާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބޭއްވުމުގެ ފުރުސަތު ސަރުކާރުން ނުދޭ ސަބަބަކީވެސް އެއީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ ނުކެރޭނެއޭ. ބާއްވައިފިއްޔާ، ބަލިވާނެ މިންވަރު މާ ބޮޑަށް ސާފުވާނެ. ތާއީދެއް ނެތް ކަމާއި، ވަޒީފާއި ކުޑަ ގޮޅިއާ ހުރިހާ ކަމެއްގެ ބިރު ދައްކައިގެން ރައްޔިތުން ތަންތަނަށް ނެރި، އެހެން ގެންގުޅުނު ކަމަކު ވޯޓު ފޮށި ކައިރީގައި ހުއްޓެނީ ތިމަންނާ އެކަނިކަން ރައީސް ޔާމީނަށް ވަރަށް ސާފުކޮށް އެނގޭނެ. އެ ވޯޓު ފޮއްޓަށް ތި ބޭފުޅުން ލައްވާނެ ވޯޓު ރައީސް ޔާމީނަށް އަންދާޒާ ކުރެއްވޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ތަރައްގީއަކީ ކޮންކްރިޓުން މިނާ އެއްޗެއް ނޫން ކަމަށާއި އެއީ މީހަކަށް އަންނަ ބަދަލާއި ކުރި އެރުން ކަމަށެވެ. މިސާލު ޖައްސަވަމުން ވިދާޅުވީ ބްރިޖު އަޅައި ކޮންކްރިޓު އެހެން މަސައްކަތް ފެށިޔަސް އެ ނުމިނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ރައްޔިތުންނަށް ލިބިގެންއެދަނީ އަނެއްކާވެސް ފުރުސަތެއް ކަމަށެވެ.
ރައީސް ނަޝީދު މިއަދު ބޭއްވި ބައްދަލުވުމުގައި ލަންކާގައި ދިރިއުޅޭ އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް