ޅައިމަގު ސްކޫލްގައި ޓީޗަރުން މަދުވެގެން ބެލެނިވެރިން ރުޅިގަދަވެއްޖެ

ށ. ލައިމަގު ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވެގެން ރިސޯސް ޓީޗަރުން ހޯދަން އިއުލާން ކުރުމުން އެ ރަށު ސްކޫލްގެ ބެލެނިވެރިން ހިންހަމަ ނުޖެހުން ފާޅު ކުރަން ފަށައިފި އެވެ. ހިންހަމަ ނުޖެހުން ފާޅޫކޮށް ބެލެނ...

03 Feb 2015 | 09:12

ށ. ލައިމަގު ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވެގެން ރިސޯސް ޓީޗަރުން ހޯދަން އިއުލާން ކުރުމުން އެ ރަށު ސްކޫލްގެ ބެލެނިވެރިން ހިންހަމަ ނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.

ހިންހަމަ ނުޖެހުން ފާޅޫކޮށް ބެލެނިވެރިން އިއްޔެ ސްކޫލްގެ ޕްރިންސިޕަލްއާއި ބައްދަލު ކޮށްފައިވާއިރު މިއަދު ވަނީ ކައުންސިލްގެ ފަސް މެންބަރުންނާއި ބައްދަލުކޮށްފައި އެވެ. ކައުންސިލް މެންބަރުންނާއި ބައްދަލު ކުރި ބައެއް ބެލެނިވެރިން ބުނީ އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅައިގެން ޓީޗަރުން ހަމަނުޖެހިގެން އުޅޭ ސަބަބު އޮޅުންފިލުވައިދިނުމަށް އެދިފައިވާނެކަމަށެވެ. އެމީހުން ބުނީ މުޒާހަރާ ކުރަންޖެހިއްޖެ ނަމަ ކުރާނެކަމަށާއި އަދި ޓީޗަރުން ހަމަކުރުމަށް ވަގުތުދޭން ބޭނުންވާ ކަމަށެވެ.

ނަމަވެސް ޓީޗަރުން ހަމަޖެހޭނެ ތާރީހެއް ބުނެދިނުމަށް ސްކޫލާ ކައުންސިލްގެ ކިބައިން ބެލެނިވެރިން ވަނީ އެދިފަ އެވެ.

ޅައިމަގު ކައުންސިލްގެ ރައީސް އަބދުލް ގަނީ ވިދާޅުވީ ބެލެނިވެރިން މިއަދު ކައުންސިލާ ބައްދަލުކޮށް އެދުނީ ދެ ކަމަކަށް ކަމަށާއި އެ ދެކަންތައް ގޮސް އޮތް ހިސާބު އޮޅުންފިލުވައިދެމުން ދާކަމަށެވެ. ގަނީ ވިދާޅުވީ ބެލެނިވެރިންގެ ޝަކުވާއަކީ އެކަށީގެންވާ ތަމްރީން ލިބިފައިނެތް ޓީޗަރުން ސްކޫލްގައި ގިނަވެ ދެ މާއްދާއެއް ކިޔަވައިދޭނެ ޓީޗަރުން ނެތުމުގެ މައްސަލަ އާއި އަދިވެސް ލިބެންޖެހޭ ޓެކްސްޓް ފޮތްތަކެއް ހަމަނުވާ މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވީ ބެލެނިވެރިންގެ އެދުމުގެ މަތިން އެޑިއުކޭޝަނަށް ގުޅައި އެކަން އޮތް ހިސާބު އޮޅުންފިލުވައި ދިނުމުގެ އިތުރުން ލިޔުމުން އެ މައްސަލަ އެޑިއުކޭޝަނަށް ހުށަހެޅުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަމަށެވެ.

ޅައިމަގު ސްކޫލަށް މަދުވަނީ ގްރޭޑް ހަޔަކުން ފެށިގެން 10 ށް ބޭނުންވާ އިނގިރޭސި ދެ ޓީޗަރުންނާއި ގްރޭޑް އަށަކުން 10 ށް މެރިން ސައިންސް ކިޔަވައިދޭނެ ޓީޗަރެކެވެ.

އެކަމާ ގުޅީގެން އެ ރަށު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒު ދުވަހަށް ވިދާޅުވީ އެ ދެ މާއްދާއަށް ބޭނުންވާ ތިން ޓީޗަރުން މަދުވެގެން އެތައް ފަހަރަކު އެޑިއުކޭޝަންގައި ދަންނަވާފައިވާކަމަށެވެ. އަދި އެޑިއުކޭޝަނުން ބުނެފައިވަނީ އެ މާއްދާތަކަށް ބޭނުންވާ ޓީޗަރުން ރާއްޖެ ނާންނާތީ ހަމަނުޖެހިގެން އުޅެނީ ކަމަށެވެ.

އޭނާ ވިދާޅުވީ ދެ މާއްދާއަށް ބޭނުންވާ ޓީޗަރުން ނުލިބިގެން ރިސޯސް ޓީޗަރުން ހޯދަން މިހާރު އިއުލާން ކޮށްފައިވާ ކަމަށާއި، ރަށުން އެ މާއްދާތައް ކިޔަވައިދޭން ޓީޗަރުން ނުލިބިއްޖެ ނަމަ އެ ދެ މާއްދާ ކިޔަވައިދެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެކަން އިއްޔެ އޭނާ އާއި ބައްދަލު ކުރި ބެލެނިވެރިންނަށްވެސް އަންގާފައިވާނެކަމަށެވެ.

ޅައިމަގު ސްކޫލަށް ޓީޗަރުން ހަމަނުވުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޅައިމަގު ސްކޫލްގެ އިތުރުން އެހެން ބައެއް އަތޮޅުތެރޭގެ ސްކޫލް ތަކަށް ޓީޗަރުން ހަމަނުވާކަން އެނގެނީ ދިރާސީ އަހަރު ފެށުމުން ކަމަށެވެ. އެއީ ޓީޗަރުން އެނބުރި ރާއްޖެ ނާންނަކަން އެނގެނީ ސްކޫލް ފެށުމުން ކަމަށެވެ. އެޑިއުކޭޝަނުން ބުނީ އެ މައްސަލަ ހައްލު ކުރުމަށް ޓީޗަރުން މަދު ހުރިހާ ސްކޫލަކަށް ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެ މުއްދަތުގައި ރިސޯސް ޓީޗަރުންގެ ބޭނުން ހިފުން ނޫންގޮތެއް ނެތް ކަމަށެވެ.

ނަމަވެސް މާއްދާތަކަށް ބޭނުންވާ ދާއިމީ ޓީޗަރުން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ދިރާސީ އަހަރު ފެށޭއިރު ހުރިހާ ސްކޫލަކަށް ބޭނުންވާ ޓީޗަރުންނާއި ފޮތްތައް ހަމަވާނެކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް ޓީޗަރުން މިހާތަނަށްވެސް ހަމަކޮށްދެވިފައިނުވާއިރު އާ މަންހަޖުގެ ދަށުން ގްރޭޑް އެކެއް، ދޭއް އަދި ތިނެއްގެ ކުދިންނަށް ބޭނުންވާ ބައެއް ޓެކްސްޓް ފޮތްތައް ފޯރުކޮށްދެވުނީ ވެސް މި ހަފްތާ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް