"ފާރަ ގެމަ" ގެ ދަށުން ރާއްޖެ ގެންނަނީ އުމުރުން ތިން މަހުގެ ކުއްތާތަކެއް

މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ "ފާރަ ގެމަ" ގެ ދަށުން ރާއްޖެ ގެންނަ 16 ކުއްތާއަކީ އުމުރުން ތިން މަހުގެ ކުއްތާތަކެއްކަމަށް ހޯމް މިނިސްޓްރީ...

03 Feb 2015 | 07:43

މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ "ފާރަ ގެމަ" ގެ ދަށުން ރާއްޖެ ގެންނަ 16 ކުއްތާއަކީ އުމުރުން ތިން މަހުގެ ކުއްތާތަކެއްކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް އަބްދުއްސަމަދު ދުވަހަށް ވިދާޅުވީ ފާރަ ގެމައިގެ ދަށުން ރާއްޖެއަށް ގެންނަ ކުއްތާތަކަކީ އުފަންވީންސުރެ މަސްތުވާތަކެތި ހޯދުމުގެ މަސައްކަތަށް ތަމްރީން ކުރަމުން އަންނަ ކުއްތާތަކެއް ކަމަށާއި އެ ކުއްތާތަކަށް ވޭތުވެދިޔަ ތިން މަހު ކާންދީ ތަމްރީން ކުރަމުންދަނީ ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ކަމަށެވެ. ތަޒްމީލް ވިދާޅުވީ މިމަސްތެރޭ ކުއްތާތައް ގެނައުމަށް ހަމަޖެހިފައިވީނަމަވެސް ވަކި ތާރީހެއް ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކުއްތާތައް ރާއްޖެ ގެނެސް އަދި އިތުރު ހަ ހަފްތާގެ ތަމްރީން ދިވެހި ފުލުހުންނާއި އެކު ދޭނެކަމަށާއި، އޭގެ ފަހުން ހަތްވަނަ ހަފްތާގައި އަމަލީ ގޮތުން ކުއްތާތައް މަސައްކަތައް ނެރޭނެ ކަމަށެވެ.

"ސަރުކާރުން ނިންމީ ރާއްޖެ ގެންނަ ކުއްތާތަކަކީ ހަމަ އުފަންވީންސުރެ އެކަމަށް ތަމްރީން ކުރެވޭ ކުއްތާތަކަކަށް ވާން. އެހެންވެ ހަމަ ނިއުބޯން ކުއްތާތަކެއް ގަތީ. އެ ކުއްތާތައް މާލެ ގެންނާނި މިމަހު ފަހުކޮޅު. އޭރު ކުއްތާތަކަށް ވާނި ތިން މަސް. އެހެން ހެދީމަ ރާއްޖޭގެ މާހައުލަށް ފިޓު ވާކަހަލަ ކުއްތާތަކަކަށް ހަދަން ފަސޭހަ ވާނީވެސް،" ތަޒްމީލް ވިދާޅުވި އެވެ.

ފާރަ ގެމައިގެ މަސައްކަތް ފެށުމުގެ ކުރިން ކުއްތާ ތަކަށް ދޭންޖެހޭ ތަމްރީން ދިނުމަށް ނެދަލޭންޑްސްގެ ފުލުހުން ގެންގުޅޭ ކުއްތާތައް ތަމްރީން ކުރާ ކޭޓް އެންޑް ޑޯގްސް ފާމް އިން ތަމްރީން ދޭނެ ދެ ބޭފުޅަކު ރާޢްޖެ ވަޑައިގެންނަވާ ގޮތަށް ވަނީ ހަމަޖެހިފައި އެވެ،

ތަޒްމީލް ވިދާޅުވީ ކުއްތާތައް މަސައްކަތްތަކަށް ނެރޭއިރު އިބްރާހިމް ނާސިރު އިންޓަނޭޝަނަށް އެއާޕޯޓުގެ އެއާ ކާގޯ ގޭޓުގެ އިތުރުން އެމްޕީއެލް ފޯޓުގަ އާއި ރާއްޖެއަށް މުދާ އެތެރެވާ ހުރިހާ ގޭޓުތަކެއްގެ ކައިރީގައި ކުއްތާ އޮންނާނެ ކަމަށެވެ. އަދި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކުގައި ކުއްތާ ބޭނުން ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފާރަ ގެމަ އަށް ގެންނަ 16 ކުއްތާއަށް ހާއްސަކުރެވިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަށް އެއާޕޯޓުގައި ކޮށިތަކެއް ހަދާފައިވާއިރު ކުއްތާ ގެންގުޅުމަށް ހާއްސަކޮށްގެން ފުލުހުން ތިން ވެހިކަލރެއް ގެންގުޅޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް