މިދިޔަ އަހަރުގެ ޖީސީއީއޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގެ ވަގުތީ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބް މިއަދު ދުވަހަށް ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ނަތީޖާ ދޫކުރަމުން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތީ ނަތީޖާގައި މައްސަލައެއް އުޅޭނަމަ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށާއި، ރީޗެކް ކުރަން ބޭނުންވާ ފަރާތްތަކުން 18 ގެ ކުރިން އެދެން ވާނެ ކަމަށެވެ.
ރީޗެކް ކޮށްދިނުމަށް އެދި ފޯމެއް ހުށަހަޅަން ޖެހޭއިރު ނަތީޖާ އާއި މެދު މައްސަލައެއް އޮތް ނަމަ ހުށަހަޅަން ޖެހެނީ ލިޔުމަކުންނެވެ. އޭނާ ވިދާޅުވީ ރީޗެކަށް ހުށަހަޅާ ފަރާތްތަކުގެ ޕޭޕަރުތައް އަލުން ބެލުމަށް ފަހު އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ރަސްމީ ނަތީޖާ އިއުލާން ކުރެވޭވަރު ވާނީ މިމަހުގެ ފަހުކޮޅު ކަމަށެވެ.
ނަތީޖާ ދޫކުރުމަށް ހަަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 02:30 އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ނެވެ. އަދި އަމިއްލަ ގޮތުން ބައިވެރިވި ކުދިންގެ ނަތީޖާ ޑީޕީއީ އިން ދޫކުރާއިރު ނަތީޖާ ބަލާ އަންނަ އިރު އައިޑީކާޑު ގެނައުމަށާއި ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެނައުމަށް އެދިފައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާޏުގައި ފަސް މާއްދާއިން ފާސްވި ކުދިންގެ އިންސައްތަ 3.9 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައިގައި 479 ދަރިވަރުން ހިމެނުނެވެ.
މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި ސަރުކާރުގެ 194 ސްކޫލަކުން 5643 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އަމިއްލަ ގޮތުން 53 ސެންޓަރަކުން 1559 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް