ރޭގައި ށ. ނަރުދުއަށް އުދައަރައި ބައެއް ގެއްލުންތައް ލިބިއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލް ރައީސް މުހައްމަދު މުސްތަރުސިދު ވިދާޅުވީ އިރުވައި މޫސުމުގައި ރަށަށް އުދަ އެރުމަކީ އާންމުކަމެއް ކަމަށާއި ނަމަވެސް މިފަހަރު މާ ބޮޑަށް އުދައިގެ އަސަރުކޮށްފައިމިވަނީ ބަނދަރު ހަދަންފަށާފައިވާއިރު ބްރޭކްވޯޓަރ ނިޒާމުވެސް އަދި ގާއިމުވެފައި ނެތުމުގެ ސަބަބުން ކަމަށެވެ.
"ރާޅު އަންނަގޮތަށް ހުރަހެއްނެތި އަރައިގެންދާކަހަލަ ގޮތަކަށް މިހާރު އޮތީ" ރަށު ކައުންސިލް ރައީސް ވިދާޅުވިއެވެ.
މިހެން ދިމާވެދާނެކަމަށް ބަލައި ސަރުކާރުގެ އިދާރާތަކަށް މިކަން ދުރާލާ އަންގައި ހައްލެއް ހޯދައިދިނުމަށް އެދެމުންދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަށު ކައުންސިލް ރައީސް ވިދާޅުވީ އުދައިގެ ސަބަބުން ބައެއް ފަތްކެޔޮ ދަނޑުތަކާއި ރުށްގަހަށް ގެއްލުންލިބިފައިވާކަމަށާއި 12 ވަރަކަށް ގޭގެ ގޯތިތެރެއަށް ލޮނު ވަދެ އެ ގެތަކުގެ ގޯތިތެރޭގައި ހައްދާފައިވާ ގަސްގަހަށްވެސް ވަރަށް ބޮޑަށް ލޮނުގެ އަސަރުކޮށްފައިވާކަމަށެވެ.
ނަރުދުއަށް އުދަ އަރާފައިވާތީ ރަށުތެރެއިން ލޮނުގަނޑު ހިއްކުމުގައި ދިވެހި ސިފައިން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް