ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން މެޑިކަލް ހައްދަން މާދަމާއިން ފެށިގެން މަޖުބޫރުކޮށް، މެޑިކަލް ނެތި ވޯކް ޕާމިޓް ނުލިބޭ ގޮތަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ނިންމައިފިއެވެ.
ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެވޭ ބިދޭސީން، ރާއްޖެ އައުމަށްފަހު ވޯކް ޕާމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ "ވޯކް ޕާމިޓް މެޑިކަލް" ހެއްދުމުގައި ވަޒީފާ ދޭ ފަރާތްތަކަށް ދިމާވި ދަތިތަކުގެ ސަބަބުން ވޯކް ޕާމިޓް ހެއްދުމަށް ބޭނުންވާ މެޑިކަލް އާ ނުލައި ވޯކް ޕާމިޓް ވަނީ ދޫކޮށްފައެވެ. ނަމަވެސް މާދަމާއިން ފެށިގެން ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވޯކް ޕާމިޓް ދޫކުރެވޭނީ އަދި ވޯކް ޕާމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރުކުރުމަށް ވޯކް ޕާމިޓް ފީ ދެއްކޭނީ، ހޯމްލޭންޑް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވޯކް ޕާމިޓް މެޑިކަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ "ވޯކް ޕާމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ވޯކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވޯކް ޕާމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެ ކަމަށެވެ.
މިވަގުތު ވޯކް ޕާމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ، އެ ފަރާތަކަށް ވޯކް ޕާމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ، ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެން ޖެހޭނެކަމަށް ހޯމްލޭންޑް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވޯކް ޕާމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވޯކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 4 ޖުލައި 2024 ގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތާއި ހަމައަށް ވޯކް ޕާމިޓް މެޑިކަލް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު (2023/R111) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހޯމްލޭންޑް މިނިސްޓްރީން އިތުރަށް ބުނީ 4 ފެބްރުވަރީ 2024 ވަނަ ދުވަހުގެ ފަހުން ފުރައިގެންދާ ފަރާތްތަކުގެ ވޯކް ޕާމިޓް ކެންސަލް ކުރެވޭނީ، ވޯކް ޕާމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމަ ކަމަށެވެ. އަދި މުއްދަތު ހަމަވެފައިވާނަމަ، ވޯކް ޕާމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު (2023/R-111) ގެ ދަށުން 2,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް